Last Updated: May 8, 16:47
Wednesday, May 8, 2024
ރިޕޯޓް

ބިދޭސީއަކަށް ހަމަލާދީ ފޭރުނު އިރު ދިވެހިން ތިބީ ކުޅި ބަލަން!

މިއަދު ބަންގްލަދޭޝްގެ މަސައްކަތު މީހުންގެ އެހީތެރިކަމާ އެކު ދިވެހިންގެ ދިރިއުޅުން ވަރަށް ވެސް ފަސޭހަ އެވެ. ކުޑަ ޚަރަދަކުން ބޮޑެތި އިމާރާތްތައް ނިންމާލެވެ އެވެ. މާލޭގައި ނަމަ 100 ވަރަކަށް ރުފިޔާ ދީގެން ގޭގެ ކުނި ކޮތަޅު އުކާލެވެ އެވެ.

އަތޮޅު ތެރޭގައި ނަމަ ގޯތީގައި ކުނިކަހައި ދިނުމާއި ފާޚާނާ ސާފުކޮށް ދެނީ ވެސް ކޮންމެވެސް ބަންގްލަދޭޝް މަސައްކަތު މީހެކެވެ. ކުރުކޮށް ބުނާ ނަމަ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މަސައްކަތު މީހުންގެ ފަރާތުން ދިވެހިންގެ ދިރިއުޅުމަށް ނުލިބޭ ފަސޭހައެއް ނެތެވެ.

އެހެން ނަމަވެސް އެމީހުންނާއި މެދު އިންސާނިއްޔަތު ކަމުގެ ނަޒަރަކުން ބަލައިލެވެނީ ކިތައް ދިވެހިންނަށް ހެއްޔެވެ؟

ވެރިރަށް މާލޭގައި ފާއިތުވި ހޯމަ ދުވަހުގެ ރޭ ހިނގި ހާދިސާ އަކީ، ދިވެއްސަކަށް ވީތީ ލަދުގަންނަން ޖެހޭނެ ފަދަ ހާދިސާއެކެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ގްރޫޕަކުން ގޮސް ބިދޭސީ އަކަށް ހަމަލާދީ އެ ބިދޭސީ މީހާގެ ފައިސާތައް ފޭރިގަނެގެން ދިޔައިރު ދިވެހިން ތިބީ ކުޅިބަލާށެވެ. އެ މަންޒަރު ބަލަން ތިބި ދިވެހިންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބުނު ކަން އެކަންޏެއް ނޫނެވެ.

ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ގޮސް ކަން ހިނގި ގޮތް އޮޅުން ފިލުވަން އުޅުމުން ވާހަކަ ދައްކާނެ މީހަކު ވެސް ނުވީއެވެ. މަންޒަރު ފެނުނު ބައެއް މީހުން ވެސް ފުލުހުންނަށް މައުލޫމާތު ދޭން ދެކޮޅު ހެދިކަމަށް ބިދޭސީ މީހާ އާއި ހަވާލާދީ ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ބުނެފައިވެއެވެ.

18 އަހަރު ނުވާ ކުދިންތަކެއް ގޮސް ބިދޭސީ މީހާއަށް ހަމަލާ ދިން އިރު އެކަން ހުއްޓުވައި ދިނުމަށް އެދި އެ ބިދޭސީ މީހާ އާއި އެކު ތިބި އެހެން ބިދޭސީންތައް އާދޭސް ކުރި ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ސަރަހައްދުގައި އެވަގުތު ތިބި ދިވެހިންނަށް ތިބެވުނީ ކުޅިބަލާށެވެ.

ފޭރުމުގެ އަމަލު ހިންގި ގްރޫޕުން ދިން ހަމަލާތަކުން ލިބުނު ޒަޚަމްތަކާއި، ގެއްލުނު ފައިސާގެ ސަބަބުން ކުރިމަތިވި މާޔޫސްކަމާއި އެކު ވެސް މާދަމާ އެ ބިދޭސީ މީހާ އާއި އޭނާގެ ރައްޓެހިން މަސައްކަތް ކުރާނީ ކޮންމެވެސް ދިވެއްސެއްގެ ދިރިއުޅުން ފަސޭހަކޮށް ދިނުމަށެވެ.