ޔުއެފާ އަންޑަ-21 ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް ބައްދަލުކުރި މެޗު ޕެނަލްޓީގައި 3-4 އިން އިނގިރޭސިންގެ މައްޗަށް ކުރިހޯދައިގެން ޖަރުމަނު ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަރުމަނަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވާއިރު އިނގިރޭސި ޒުވާން ޓީމު ވަނީ ޑޭވިޑް ސެލްކް ބޮލުން ފޮނުވާލި ގޯލަކާއެކު އެއްވަރުކޮށްފައެވެ. އިނގިރޭސި ޓީމުގެ ޓެމީ އަބްރަހަމް ވަނީ އިތުރު ގޯލަކާއެކު ލީޑު ނަގާދީފައެވެ. ނަމަވެސް ޖަރުމަނުން ވަނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް އެއްވަރުކޮށްފައެވެ.
އިތުރު ވަގުތުގެ ދެހާފުގައިވެސް މެޗުގެ ސްކޯއަށް ބަދަލެއް ގެނެސްފައިނުވުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އިނގިރޭސި ޓީމުގެ ނޭތަން ރެޑްމޮންޑް ފޮނުވާލި ޕެނަލްޓީ ޖަރުމަނުގެ ކީޕަރު ޕޮލާސްބެކް ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.
އިނގިރޭސި ޓީމުގެ ކޯޗު އައިޑީ ބޫތްރޮއިޑް ބުނެފައިވަނީ ކޮންމެ ފަހަރަކު މިހާ ކައިރިއަށް އައުމަށްފަހު ޕެނަލްޓީގައި ބަލިވުމުން ލިބޭ ހިތްދަތިކަމަކީ ބަޔާން ކުރަން ދަތި އިހުސާސެއް ކަމަށެވެ. އަދި އޭނާގެ ޓީމު ކުރެވެން އޮތް ހުރިހާ ކަމެއް ކުރި ނަމަވެސް ނަސީބު އިނގިރޭސިންނާއެކު ނެތް ކަމަށް މާޔޫސްވެފައިވާ ބޫތްރޮއިޑް ބުންޏެވެ.
މިމުބާރާތުގެ ފައިނަލުގައި ޖަރުމަނު ވާދަކުރާނީ ސެމީގެ ދެވަނަ މެޗުގައި އިޓަލީ 1-3 އިން ބަލިކުރި ސްޕެއިންއާއެވެ.