Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ޝައިނީގެ އިސްތިއުފާއަށް ގޮވުމުން ސަރުކާރުގެ 37 މެމްބަރަކު ހަނު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ - މަޖިލިސް

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީގެ އިސްތިއުފާއަށް ފާޅުގައި ގޮވުމުން އެކަމާއި ނުރުހުން ފާޅުކޮށް ބަހެއް ބުނެފައިވަނީ ސަރުކާރު ކޯލިޝަނުގެ 40 މެމްބަރުންގެ ތެރެއިން އެންމެ ތިން މެމްބަރުންނެވެ.

ޓޮމްގެ ހިތްހަމަނުޖެހުންތަކާއެކު ޝައިނީގެ އިސްތިއުފާއަށް ގޮވުމުން އެންމެ ފުރަތަމަ ރައްދު ދީފައިވަނީ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލްއެވެ. ޚަލީލް ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ފުރިހަމަ ތާއީދު ޝައިނީއަށް އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ޚަލީލްގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ޓޮމްގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓޮމްއަށް ރައްދުދެއްވަމުން ފަލާހު ވިދާޅުވެފައިވަނީ މިނިސްޓަރު ޝައިނީއަކީ ރައީސް ޔާމީންގެ ސިޔާސަތުތައް ގާއިމްކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އަދި ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި ގިނަ ކަންތަކެއް މިނިސްޓަރު ކުރަމުންދާ ކަމަށެވެ.

އަދި ޓޮމްގެ ފަރާތުން މިފަދަ އަޑުތައް އިވުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި އެކަން އެގޮތަށް ކުރެއްވުމުން ހިތާމަކުރާ ކަމަށް ފަލާފް ވަނީ ފާހަގަކޮށްފައެވެ. ފަލާހުގެ ވާހަކަތަކަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވަނީ ތާއީދުކޮށްފައެވެ.

ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަނުގެ 40 އަށްވުރެ ގިނަ މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު ރައީސް ޔާމީންގެ އެންމެ ގާތް އެއް ވަޒީރުގެ އިސްތިއުފާއަށް ގޮވުމުން އެމަނިކުފާނު ދިފާއުކޮށްފައިނުވާތީ ޕީޕީއެމްގެ ބައެއް އާންމު މެމްބަރުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

މީގެ އިތުރުން ނިމިގެން ދިޔަ ރަމަޟާން މަހު މަޖިލީހުގެ ރައީސް މެމްބަރުންނަށް އެރުވި ރޯދަވީއްލުމުގައި ސަރުކާރު ކޯލިޝަނުގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި ބައިވެރިވެވަޑައިނުގެންނެވި ސަބަބެއްވެސް މެމްބަރުން ހާމަކޮށްފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.