Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ހިތަދޫ ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އެއްކޮށް އަނދައިފި

ހިތަދޫ ގެއެއްގެ ގޯތި ތެރޭގައި ބާއްވާފައި އޮތް ކާރެއް ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

މައުލޫލާތު ލިބިފައިވާ ގޮތުގައި ރޯވެފައި ވަނީ އެމްއާރްޑީސީ ހިތަދޫ ސައިޓް އޮފީހުގެ މެނޭޖަރު ކަން ކުރަމުން އަންނަ އަބްދުﷲ ރަޝީދުގެ އަމިއްލަ ގޭގެ ތެރޭގައި އޮތް ކާރެއްގަ އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ކާރުގައި ރޯވިކަން އެނގުނީ ރޭ ދަންވަރު 2:30 ހާއިރު ބާރު އަޑެއް ގޮވައިގެން ބޭރު ބެލި އިރު ކާރުގެ ކުރީ ކޮޅުގައި ރޯވެފައި ހުރިތަން ފެނިގެން ކަމަށެވެ. އެއާ އެކު ގޭގެ މީހުން ތެދުވެ ޕޮލިހަށާއި، ފަޔަރަށް ގުޅައި އަލިފާން ނިއްވުމުގެ މަސައްކްތަ ކުރަން ފެށި ކަމަށެވެ.

ނަމަވެސް އަލިފާން ކޮންޓްރޯލް ކުރެވުނު އިރު ކާރު އޮތީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

މި ކާރަކީ އަބްދުﷲ ރަޝީދުމެން ގޭގައި ދިރިއުޅޭ ފުލުހެއްގެ ކާރެކެވެ. އަދި ކާރު ގެއަށް ވައްދާފައި ވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. މިކާރަކީ ވަރަށް ފަހުން ބޭނުން ކުރަން ފެށި ކާރަކަށްވެފައި ކާރުގައި އެއްވެސް އަލިފާން ރޯ ވާން ޖެހޭ ކަމެއް ދިމާވެފައި ހުންނާނެކަމަށް ގަބޫލު ނުކުރެވޭތީ މިއީ ބަޔަކު ގަސްތުގަިއ ކުރިކަމަށްކަމަށް ތުހުމަތު ކުރެއެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހްގީގު ކުރަމުން ނެވެ. އައްޑޫގައި ދޭތެރެ ދޭތެރެއިން މިފަދަ ހާދިސާތައް ހިނގާކަން ފާހަގަކުރެވެއެވެ.