ސ. ހުޅުދޫ އިރު ދެކުނު ފަރާތުން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރިން ލާފައިވާ ތޮށިގަނޑުގެ ބޮޑު ބައެއް ވެއްޓި ތޮށިގަނޑު ހަލާކުވެފައިވާތީ އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ބަޔަކާ ހަވާލުކޮށްގެން ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ ހުޅުދޫ ގިރާ ސަރަހައްދުގައި މިހާރު އޮތް ތޮށިގަނޑުން ބަސްތާތައް ނެއްޓި އެ ތޮށިގަނޑު ވެއްޓެން ކައިރިވެފައި ވަނިކޮށް ސިޓީ ކައުންސިލުން ބަޔަކާ ހަވާލުކޮށް މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާ ތެރޭގައި ކަމަށެވެ.
އޭނާ ވިދާޅުވީ މަރާމާތު ކުރާ ތޮށިގަނޑަކީ 940 ފޫޓު ދިގު 8 ފޫޓު އުސް ތޮށިގަނޑެއް ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ހަވާލުވެފައި ވަނީ ހުޅުދޫ ކުންފުންޏެއް ކަމަށް ވާ އެސްއެންއާރް އާ ކަމަށްވެ ސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު އިއްލާންކޮށް ޖެނުއަރީ 7، 2013 ގައި ބިޑް ހުށަހެޅި މި ޕްރޮޖެކްޓްގެ އަގަކީ ގާތްގަޑަކަށް 392،000ރ. އެވެ. އަދި މަސައްކަތް ނިންމުމަށް އެއްބަސްވެފައި ވަނީ 95 ދުވަހުގެ ތެރޭގަ އެވެ.