ރ. އަލިފުށީ އިންޖީނުގޭގައި ބޭނުން ކުރަމުން އައި އިންޖީނަށް އަންގާރަ ދުވަހު ދިމާވި މައްސަލައަކާއި ގުޅިގެން އެރަށު ރައްޔިތުންނަށް ފުރިހަމައަށް ކަރަންޓު ނުލިބޭތާ ތިން ދުވަސް ވެއްޖެއެވެ.
އަންގާރަ ދުވަހު ހެނދުނު 10:30 އެހާކަށްހާއިރު ރަށުން ކަރަންޓު ކެނޑުމަށްފަހު އެދުވަހު އިރުއޮއްސި 6:30 އެހާކަށްހާއިރު 45 މިނެޓަށް ކަރަންޓު ލިބުނެވެ. ނަމަވެސް އަނެއްކާވެސް ކަރަންޓު ވަނީ ގޮސްފައެވެ.
ވަގުތީ ހައްލެއް އިއްޔެ މެންދުރުގެ ވަގުތެއްގައި ހޯދުމަށްފަހު މުޅި ރަށަށް ކަރަންޓު އަލުން ދެވުނެވެ. ނަމަވެސް އަނެއްކާވެސް ގަޑިއެއްހާއިރު ތެރޭ ކަރަންޓުވަނީ ގޮސްފައެވެ. ރޭ ދަންވަރުވެސް ގަޑިއެއްހާއިރު ވަންދެން ކަރަންޓު ލިބުމަށްފަހު އަނެއްކާވެސް ކެނޑިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގެ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކޮންމެ ރަށެއްގައިވެސް ބެކަޕް ޖެނެރޭޓަރު ސިސްޓަމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.