އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ހާއްސަކޮށް މި ވާހަކަތައް އެންމެ އަޑުގަދަވަނީ އިންތިޙާބު ދުވަސްވަރުއެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް މިފަހަރު ހަދާނެ ކަމަށް ގަބޫލު ކުރާ މީހުން ވަރަށް ގިނައެވެ. އެއްބަޔަކު ބުނާ ގޮތުން ޗަމްޕާ، އާއި ހަސަން ސައީދު އަދި ޑރ. ވަހީދުގެ ޓީމުން މި އެއާޕޯޓް ބައިނަލް އަގްވާމީ ކުރާނެއެވެ. އެކަމަށް ރަންވޭ ދިގުކޮށް ފަހުގެ ވަސީލަތްތައް އެއާޕޯޓްގައި ގާއިމް ކުރާނެއެވެ. އޭގެ ކޮޅުމަތިވެސް ކޮންމެވެސް ވަރަކަށް މިހާރު ދަނީ ފެންނަމުންނެވެ. ލަގާން އިންޓަނެޝަނަލް ޝޯޓްލިސްޓް ކޮށް ފައިނޭންސް ފައިނޭންސް ހޯދުމުގެ މަސައްކަތް މިކުންފުނިންވަނީ ފަށާފައެވެ! ލަސްތަކެއް ނުވެ ފައިސާ ލިބި މި ބިޔަ މަޝްރޫޢު ފެށިދާނެއެވެ.
އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެއާޕޯޓް ކުންފުނީގެ ހިއްސާ ވިއްކުމަށް ނިންމައި އެކަމަށް ޗަމްޕާ އަފީފީ މަސައްކަތް ފެށި ހިސާބުން ގާސިމް އަށް އައްޑޫ އެއާޕޯޓްގެ ހަގީގީ މަންޒަރު ފެނުނެވެ.އެއާއި އެކު ގަމުގެ އެއާޕޯޓާއި ބެހޭގޮތުން ވާހަކަދައްކަން ޓީވީތަކާއި އާއްމު ބައްދަލުވުންތަކަށް އަރަންފެށިއެވެ.
ގަމުގެ އެއާޕޯޓްގެ އަޑު އިހުނަށްވުރެ ގަދަވިއެވެ. ގާސިމް އެކަމާއި ނުރުހި އެތައް ވާހަކަތަކެއް ދެއްކިއެެވެ. އަދި އެމަނިކުފާން އަމިއްލައަށް "ހިލޭ" އައްޑޫ ރައްޔިތުންނަށް އެއާޕޯޓް ތަރައްޤީ ކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރަން ކުރިން ނިންމަވައިގެން ހުރިކަމަށް ވެސް ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ގާސިމްވަނީ ޗަމްޕާއަށް ބޮޑެތި ފާޑިކިއުންތައް އަމާޒުކޮށްފައެވެ.
ގާސިމް އަކީ 2013 ގައި ރާއްޖޭގައި ބާއްވާ ރިއާސީ އިންތިހާބަށް ވާދަކުރައްވާނެ ކަން އެންމެ ފުރަތަމަ އިއްލާން ކުރެއްވި ބޭފުޅާއެވެ. ގާސިމްގެ މެނިފެންސްޓޯ ގައި ފަހަރުގައި ގަމުގެ އެއާޕޯޓްގެ ވާހަކަ ހިމަނާފައޮވެދާނެއެވެ. ކޮންމެ އަކަސް ކާސާ ހޯލްޑިން އަށް ގަމުގެ ވައިގެ ބަނދަރުގެ ހިއްސާ ވިއްކާލުމާއި އެކު ގާސިމްގެ ޕްލޭން މިހާރު ވަނީ ބަދަލުކޮށްލާފައެވެ.
ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގައި ގާސިމް އަށް ކުރި ނުލިބޭނެކަން ޔަޤީންވި ހިސާބުން ގާސިމް މިސްރާބު ޖެއްސެވީ ހުވަދު އަތޮޅަށެވެ. ގއ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހާއްސަ ވަނީ ހުވަދު އަތޮޅުގެ ޓޫރިޒަމް ހިމަނައިގެންނެވެ. ހުވަދޫ ޓޫރިޒަމާއި ނުލައި ގަމުގެ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ހަޤީޤީ މަންފާއެއް ނުކުރާނެކަމަށް އިގްތިސާދީ މާހިރުން ބުނެއެވެ.
ރާއްޖޭގެ އެންމެ މުއްސަދި ދެ މަހުޖަނުންގެ ކޯޅުމުގައި މޮޅު ހޯދަނީ ކާކުތޯ ބަލަން އެބަޖެހެއެވެ. ޗަމްޕާގެ ހިއްސާގައި ގަމުގެ ވައިގެ ބަނދަރު ތަރައްޤީކުރުމުގައި ހެރެތެރެ ހިމެނެއެވެ. ހެރެތެރެ އަކީ ޗަމްޕާގެ ބޮޑު ހިއްސާއެއްވާ އެމްޓީޑީސީން ހެދި ރަށެކެވެ. އެރަށަށް ލިބޭ ކޮންމެ ގެއްލުމެއް ޗަމްޕާއަށް ކުރާނެއެވެ. އަނެއް ކޮޅުން ހެރެތެރެ އަކީ ޗަމްޕާ ހިއްސާވެ ކާމިޔާބު ނުވެފައިވި ޕްރޮޖެކްޓެކެވެ. އެހެންވެ ޗަމްޕާ ވަނީ ގަމުގެ ވައިގެ ބަނދަރު ތަރައްޤީކުރުމުގައި ހިއްސާވެ ދެކުނަށް ތަރައްޤީ ހޯދައި ދިނުމަށް ނިކުމެއެވެ.
ގަން އިންޓަނޭޝަން އެއާޕޯޓްގެ ޕްލޭނަށް ބަލާއިރު ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރަނީ ސީޕްލޭން އޮޕަރޭޓް ކުރެވޭނެ ގޮތަށެވެ. އަދި އިންޓަނޭޝަނަލް ފްލައިޓުތަކުން އަންނަ ފަތުރުވެރިން ހުވަދޫގެ ރިޒޯޓުތަަކަށް ގެންދިއުމަށް ނިންމާފައިވަނީ ސީޕްލޭންތަކުންނެވެ.
މާމިގިލީގައި ގާސިމް ހެދި އިންޓަނޭޝަނަލް އެއާޕޯޓާއި އެކު ގާސިމްގެ ޕްލޭނަކަށް ވާނީ ހުވަދޫ އެއާޕޯޓަަށް ޑައިރެކްޓް ފްލައިޓް އޮޕަރެޓް ކުރުމަށެވެ. އެހެންވެއްޖެ ނަމަ ގަމަށް ޖައްސާ ބޯޓުތަކުން ދަތުރުކުރާނީ އައްޑޫގައި ހެދިފައިވާ ރިސޯޓް ތަކާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން އެކަނިއެވެ. ހުވަދޫގައި ހެދިފައިވަ ރިސޯޓް ތަކާއި ހަދަމުން އަންނަ ރިސޯޓް ހޮޓާތަކަށް އަންނަ ފަތުރުވެރިންނަށް ފަސޭހަ ވެގެންދާނީ ހުވަދޫ އެއާޕޯޓެވެ.
ގަމުގެ ވައިގެ ބަނދަރު އިންޓަނޭޝަނަލް ކޮށް ހުވަދޫގެ ޓޫރިޒަަމާއި ދެކުނުގެ ތަރައްޤީ ގުޅާލުމަކީ މީގެ އެންމެ ފައިދާވާނެ ގޮތެވެ. ދެކުނުގެ ތަރައްޤީގެ މަޝްރޫއުތައް ހިމެނިފައިވަނީ ހުވަދޫ، ފުވައްމުލައް އަދި އައްޑޫ ހިމެނޭގޮތަށެވެ. ވަކި ވަކިން މިތަންތަން ތަރައްޤީކޮށް ސިޔާސީ ގޮތުން މި ސަރަހައްދު ބައިބައި ކޮށްލުމުގެ ވިސްނުމުގައި ބަޔަކު ކޮންމެ ކަމެއް ކޮށްފާނެކަން އެއީ ޔަޤީން ކަމެކެވެ.
ގާސިމް އަކީ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގެން މިކަމުގައި ވިސްނަވަން ޖެހޭނެ ބެފުޅެކެވެ. ހަމަ ހިތައް އަރާވަޑައިގެން ހުވަދޫގެ އެއާޕޯޓް އިންޓަނޭޝަނަލް ކޮށް ހުވަދު އަތޮޅު ދެކުނުގެ ތަރައްޤީން ވަކި ކޮށްލުމީ ކުރެވޭނެ އެންމެ "ކޮސް" އެއްވައުދެވެ.
ބައިބައި ކޮށްލައިގެން ގާސިމަށް ލިބޭނެ މޮޅެއް ނެތެވެ. އައްޑޫ އެއާޕޯޓަށް ހުރަސް އަޅުއްވައި ހުވަދޫން ކުރި ނުލިބޭނެކަން ގާސިމަށް ވިސްނޭނެއެވެ. އެއީ ގާސިމަށް "ތަރައްޤީ ގައިމު" ވާނީ ދެކުނުގެ ކުރިއެރުން އެކުގައި ހޯދައިދެވިގެންނެވެ.