ޢީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށިގެން ދާއިރު އުއްމީދީ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަަވަމުން ހިސާން ހުސައިން ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ވިސްނި ވަޑައިގަންނަވަމުންދާ ކަމަށެވެ.
"މަޖިލީސް ދެން ފެށިގެންދާއިރު ފެންނާނީ އުއްމީދީ ބަދަލުތަކެއް، އިރާދަކުރެއްވިއްޔާ ފަނިގެން ދާނެ، އެބޭފުޅުންނަށްވެސް މިހާރު އެ ދަނީ ވިސްނި ވަޑައިގަންނަވަމުން."
ހިސާން ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލީހުގެ ތެރެއިން ޤާނޫނުތަކަށް ބަދަލު ގެންނެވި އިރު އެކަމާއި މަޖިލީހުގައި ތިއްބެވި ޕީޕީއެމް އަށް ނިސްބަތްވާ ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. އަދި މަޖިލީހުން އަވަސް އަރުވާލާފައި ގާނޫނުތަކަށް ހުށަހެޅުނު އިސްލާހުތައް ފާސްކުރި އިރު އެ އިސްލާހުތައް ދިރާސާކޮށް، ކޮމެންޓް ކުރެއްވުމަށް ފުރުސަތު ވެސް މަޖިލިސް މެންބަރުންނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ހިސާން މިހެން ވިދާޅުވެފައިވާއިރު، ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ވަކި ބަޔަކަށް އޭގެ މަންފާ ލިބޭ ގޮތް ހެދުމަށް ކަމަށް މަޖިލީހުގެ މެމްބަރުންނަށް އޭރު އަންގާފައި ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަމީތު ވަނީ ވިދާޅުވެފައެވެ.