Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުގެ ހަގީގަތެއް އޭނައަކަށް ނޭނގޭނެ: އަދީބު

ކއެގާރަ އަހަރުގެ ޖަލު ހުކުމެއް މިޖާރު ތަންފޯޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށާއި އޭގެ ހަގީގަތް ނާޒިމަކަށް ނޭނގޭނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު މިހެން ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދު އަށް ފޮނުއްވި ސިޓީއެއްގައެވެ. އަދީބު އިތުރަށް މިސިޓީގައި ވިދާޅުވެފައިވަނީ ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ހާދިސާ ރަނގަޅަށް ދަންނަ މީހެއްގެ ހައިސިއްޔަތުން، އަދި ރޭވުމުގައި ބައިވެރިވި މީހެއްގެ ހައިސިއްޔަތުން އެއިން އެއްވެސް ކަމެއް ނާޒިމަކަށް ނޭނގޭނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށެވެ.

"މުހައްމަދު ނާޒިމް އޭރު ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުން ފުލުހުން ހޯދި ފިސްތޯލައާއި ތިން ވަޒަނަކީ މުހައްމަދު ނާޒިމްގެ އެއްޗެއް ނޫން ކަމާއި އެ ފިސްތޯލައާއި ތިން ވަޒަން މުހައްމަދު ނާޒިމް ދިރިއުޅޭ އެޕާޓްމަންޓުން ފެންނަން ޖެހުނު ގޮތެއް މުހައްމަދު ނާޒިމަށް އެނގިފައި ނުވާނެ ކަމުގެ ކަށަވަރުކަން އިއްޒަތްތެރި އުއްތަމަ ފަނޑިޔާރަށް އަޅުގަނޑު މިއަރުވަނީ އެ ހާދިސާ އެގޮތަށް ހިނގަން މެދުވެރިވި ސަބަބާއި، އެ ރޭވުން ފެށިގެން އައި ގޮތާއި އެކަމުގައި ބައިވެރިވީ މީހުންނާއި އެކަން ނިމިގެން ދިޔަ ގޮތް ނުހަނު ރަނގަޅަށް ދެނެހުރި މީހެއްގެ ހައިސިއްޔަތުންނެވެ."

އަދި ޝަރުއީ ކޯޓެއްގައި ނާޒިމްގެ ދިފާއުގައި ހެކިބަސް ދޭން ތައްޔާރަށް ހުންނެވި ކަމަށްވެސް 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ވިދާޅުވެފައިވެއެވެ.

"ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ތިން ވަޒަނަކީ ނާޒިމްގެ ތަކެތި ނޫން ކަމާއި ނާޒިމް އަށް އެތަކެތީގެ ހަގީގަތް އެއްވެސް މިންވަރަކަށް އެއްވެސް އިރެއްގައި އެނގިފައި ނުވާނެ ކަން ޝަރުއީ ހަމަތަކުގެ މަތިން ސާބިތުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އަރުވަމެވެ." އުއްތަމަ ފަނޑިޔާރަށް އަދީބު ފޮނުވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން ގިނަ ބަޔަކު ވަނީ އެއީ ނާޒިމްގެ އެއްޗެއް ނޫން ކަމަށާއި ނާޒިމް ވަނީ ފްރޭމް ކުރެވިފައި ކަމަށް ބުނެ އަޑު އުފުލާފައެވެ. އޭގެ ތެރޭގައި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ނާޒިމްގެ އާއިލާ އަދި ވަކީލުންވެސް ހިމެނިފައިވެއެވެ.