Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މަސީހާ ދެކޮޅަށް ސޮއި ކުރުމަކީ ކަނޑަކަށް ފުންމާލުން: ޝާޑް

ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ ޝާޑު.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި ދެކޮޅަށް ސޮއިކުރެއްވުމަކީ، އަޑި ނުފެންނަ ކަނޑަކަށް ފުންމާލުން ފަދަ ކަމެއް ގޮތުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

ޝާޑު މިގޮތަށް ވިދާޅުވެފައި ވަނީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުން ތިއްބެވި ގޮތް އަންގަވަމުން ގެންދެވުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގަތުމުންނެވެ.

"މަސީހާ ދެކޮޅަށް ޕީޕީއެމްގެ މެމްބަރުން ސޮއިކުރެއްވުމަކީ "މާސިންގާ އަޑި ނުފެންނަ ފުން ކަނޑަކަށް" ފުންމާލުން ފަދަ ކަމެއް"- މެންބަރ ޝާޑް-

ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ ޝާޑު އަކީ އަބަދުވެސް ރައީސް އަބްދުﷲ ޔާމީން އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ސޯޝަލް މީޑިޔާގައި ލީކުވި ވައިބާ މެސެޖްތަކުން އެނގޭ ގޮތުގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ތާއީދު ކުރެއްވީ އެންމެ 5 މެންބަރުންނެވެ.

އެއީ މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިނާއި ޕީޕީއެމްގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެވެ.

ވައިބާ ގްރޫޕްގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި މަސީހު އާއި ދެކޮޅަށް ޕީޕީއެމްގެ މެމްބަރުން ސޮއިކުރައްވައިފި ނަމަ އެއީ އެމަނިކުފާނަށް ވަރަށް އުނދަގޫފުޅުވާނެ ކަމެކެވެ.

މީގެ އިތުރުން އެއްވެސް މެމްބަރަކު ހިތްހަމަނުޖެހޭ ކަމެއް އޮތަސް، މުޅި ސަރުކާރަށާއި ޕާލަމެންޓްރީ ގްރޫޕަށް ގެއްލުން ނުދިނުމަށް ވެސް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.