ގޭބަންދުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ.
ކާނަލް ނާޒިމް އަލުން ޖަލަށް ބަދަލުކޮށްފައި ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލަ އާއި ބެހޭ އެއްވެސް ކަމެއް ނާޒިމްއަށް އެނގިވަޑައި ނުގަންނަވާނެ ކަމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓަށް މިމަހުގެ 20 ވަނަ ދުވަހު އަދީބު ފޮނުއްވި ސިޓީއެއްގައި މިގޮތަށް ވިދާޅުވެފައި ވާއިރު ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނުކަމަށް ފުލުހުން ވެސް ވަނީ މީގެ ކުރިން ބުނެފައެވެ.
ނާޒިމްގެ އާއިލާގެ ފަރާތުން ވާހަކަ ދައްކަވަމުން ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ، ކަރެކްޝަންގެ އޮފިސަރުން އެގެއަށް އައުމުން އެބޭފުޅުންނާއި އެކު ނާޒިމް ޖަލަށް ވަޑައިގެންފައިވާކަމަށެވެ.
ކާނަލް މުހައްމަދު ނާޒިމް ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. އޭރު ކަރެކްޝަނަލް އިން ބުނެފައި ވަނީ ނާޒިމް ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ރަމަޟާންމަހުގެ ނިޔަލަށް ކަމަށެވެ.