ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދު އިދިކޮޅު ފަރާތްތަކަށް ހަމަކުރެވިފައި ނުވާ ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެވެ.
މެންބަރ ޝުޖާއު މިހެން ވިދާޅުވެފައި ވަނީ މިއަދު އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
"މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ބޭނުންވާ އަދަދު އޮޕޮޒިޝަން އަކަށް ހަމައެއް ނުވޭ. ވޯޓަކުން ރައީސް ޔާމީން ބައްޔެއް ނުކުރެވޭނެ"
ޝުޖާއު މިގޮތަށް ވިދާޅުވެފައި ވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ އެބޭފުޅުން ކުރަމުން އަންނަ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބުވާނެ ކަމަށް ވިދާޅުވަމުންނެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް 42 މެންބަރުންގެ ސޮއި ހޯދަން ޖެހެއެވެ.
އެގޮތުން ދާދި ފަހުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ސޯލިހް (އިބޫ) ވެސް ވަނީ ރައްޔިތުންގެ މަޖިލިސް ފެށުމާ އެކު "ރައްޔިތުން އެދޭ ފަދަ އުފާވެރި ޚަބަރުތަކެއް" ލިބޭނެ ކަމަށް ވިދާޅުވެފައެވެ.