Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މި ފެންނަނީ ހައުސިންއަށް މަގު ބެލެހެއްޓޭ ވަރު!

އައްޑޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ނުބެލެހެއްޓޭ ކަމުގެ ޝަކުވާ އައްޑޫގެ ރައްޔިތުން ކުރަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

އެ ޝަކުވާތައް އަޑުއެހުމުގެ ބަދަލުގައި އައްޑޫގައި ތިއްބެވި ހައުސިން މިނިސްޓްރީގެ ވެރިން ދެއްވާ ޖަވާބަކީ، މިއީ އެވެ. "ތިމަންނަމެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި، މަގުތައް ރަނގަޅަށް ބަލަހައްޓަމުން ގެންދާ" ވާހަކައެވެ.

އެ މަސައްކަތް ރައްޔިތުންނަށް ނުފެނުމަކީ، އެބޭފުޅުންގެ ނަޒަރުގައި "މާ ބޮޑަށް ސިޔާސީ ކުރަން" އުޅުމެވެ.

ފޮޓޯ އިން ފެންނަނީ އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގެ އަރިމަތީގައި ފެން ހިންދުމަށް ބަހައްޓާފައި ހުރި ޖަންކުޝަންގެ މަތި ނަގާފައި ވަނިކޮށް އޭގެ ތެރެއަށް ވޭނެއް ވެއްްޓިފައިވާ މަންޒަރެވެ.

އައްޑޫގައި ހިންގާ ފްލައި ސްކޫލްގެ ވޭނު ވެއްޓުނީ ވިއްސާރަވުމުގެ ސަބަބުން މަގުގައި ފެން ބޮޑުވެފައި އޮތުމުން އެ ވަޅުގަނޑު ނުފެނިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަންކްޝަން ސާފުކުރުމަށް އޭގެ މަތި ނެގުމަށް ފަހު ހައުސިން މިނިސްޓްރީން ވަނީ ކޯނެއް ވެސް ބަހައްޓާފައެވެ. އެހެން ނަމަވެސް ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އެ ކޯނު ވެސް ޖަންކްޝަންގެ ތެރެއަށް ވެއްޓިފައިވާއިރު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް އެ ޖަންކްޝަން ފާހަގަ ކުރެވޭ ގޮތައް އެއްވެސް ނިޝާނެއް ނެތްކަން ފާހަގަކޮށްލެވެއެވެ.

ފޭދޫ އިން ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރަކު ބުނީ، އެ ޖަންކްޝަންގެ މަތި ނަގާފައި ހުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގާފާނެތީ މީގެ 2 ދުވަސް ކުރިން އެކަން ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"އެ ޖަންކްޝަން މަތި ނަގާފައި ބަހައްޓާފައި ދިޔަ ކޯނު ވެސް އޭގެ ތެރޭގައި. އެހެން ހުރުމުން، ޝަކުވާ ކުރިން. ވެރިޔާ ވިދާޅުވީ ބަލާނަމޭ. ބެލިފަ ނޫންތޯ އެޔޮތީ."

ފްލައިން ސްކޫލުގެ ވޭނު ފުލުހުންނާއި އާއްމުން ގުޅިގެން ނެގުމަށްފަހު އެތަނަށް ދިޔަ ފުލުހުން ދިޔައީ އެ ސަރަހައްދުގައި ބެރިކޭޑެއް ބަހައްޓާފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ސައިކަލަކުން ދިޔަ މީހަކު އެ ޖަންކްޝަން ތެރެއަށް ވެއްޓި މަރުގެ އެތިފަހަރަކުން ސަލާމަތްވީ ކިރިއާއެވެ. އެ ސަރަހައްދުގެ މީހަކު ބުނީ އެމީހާ ވަޅުގަނޑުގެ ތެރެއަށް ނުރައްކާތެރި ގޮތަކަށް ނުވެއްޓި ސަލާމަތްވީ ނަސީބަކުން ކަމަށެވެ.

މަގުގެ އެކި ތަންތަން އެކި ބޭނުމަށް ކެނޑުމަށްފަހު ރަނގަޅު ނުކޮށް ހުރުމާއި ހަލާކުވެފައިވާ ވަޅުގަނޑުތައް ބަރާބަރަށް ނުބެލެހެއްޓިގެން ފާއިތުވި ދުވަސްތަކުގައި ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ. އެފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވެސް އެބަވެއެވެ.

މިފަދަ ކަންކަން ހަރުދަނާކޮށް ގާތުން ހިދްމަތް ދިނުމަށް އުފައްދާފައިވާ ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީ ފަދަ މުވައްސަސާތަކުން މިކަންކަން ނުބެލެހެއްޓި ހުރުމަކީ އެފަދަތަންތަނުގެ ވެެރިންގެ ޒިއްމާދާރުކަން ކުޑަކަމުން ނުކުރެވި ހުންނަ ކަންކަމަށް ގިނަ ރައްޔިތުން ގަބޫލް ކުރެއެވެ.