ގޯދިއްޔާ ވިމެންސް ފުޓްސަލް ކަޕް 2017 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަވަ އެފްޓީ އަދި މަރަދޫ ބައްދަލުކުރި މެޗު 1-4 އިން އަވަ އެފްޓީ ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި އަވަ އެފްޓީ އިން ވަނީ ލީޑު ނަގާފައެވެ. މަރަދޫ އެފްސީއަށް މިހާފުގައި ލަނޑެއް ޖެހިފައިނުވާއިރު ހާފު ނިމިގެން ގޮސްފައިވަނީ އަވަ އެފްޓީ ހޯދި 0-1 ގެ ލީޑާއެކުގައެވެ.

ދެވަނަ ހާފުގައި އަވަ އެފްޓީގެ ކުޅުން ރަނގަޅުކޮށް ހަމަލާތައް ފުލުފުލުގައި ތަނަވަސްކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުގެ ފަރާތުން އިތުރު ތިން ގޯލު ފެނިގެންގޮސްފައިވެއެވެ. މަރަދޫ އެފްސީއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.
އަވަ އެފްޓީގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ފާތިމަތު އަލްމާއާއި މަރިޔަމް މިރްފަތު އަދި ފާތިމަތް އަޒްފާއެވެ. އަލްމާ ވަނީ މިމެޗުގައި ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މަރަދޫއެފްސީގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މަލްހާ އަހުމަދެވެ.