Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ނާޒިމަކީ ކުށެއް ނެތް މީހެއް، އެއީ އަނިޔާ: އަސްލަމް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް އަހުމަދު ނާޒިމްއަކީ ކުށެއް ނެތް މީހެއް ކަމަށާއި ޖަލުގައި ބަހައްޓައިގެން ތިކުރަނީ އަނިޔާކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި އަސްލަމްގެ ފާޑިކިޔުންތައް ސަރުކާރަށް އަމާޒުވެފައިވަނީ މިއަދު ކުރީގެ ނައިބު ރައީސް އުއްތަމަ ފަނޑިޔާރަށް ނާޒިމްގެ ގެއިން ފެނުނު ހަތިޔާރާއި 3 ވަޒަނާއި ނާޒިމްގެ ގުޅުމެއް ނެތް ކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

ރޯދަ މަހަށް ޝެއިޚް އިމްރާނާއެކު ނާޒިމް ގޭބަންދަށް ބަދަލުކޮށްފައިވަނިކޮށް މިއަދު ކުއްލިއަކަށް ދެބޭފުޅުންވެސް އަނބުރާ ޖަލު ބަންދަށް ބަދަލުކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ މިނިންމުމާއި އަދީބުގެ ސިޓީއާއި ގުޅުމެއް ވޭތޯ ސުވާލުކުރަމުންނެވެ.

އުއްތަމަ ފަނޑިޔާރަށް އަދީބު ފޮނުއްވި ސިޓީގައި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި 3 ވަޒަނުގެ ހަގީގަތް ނާޒިމްއަކަށް ނޭނގޭނެ ކަމަށާއި އެކަން ރޭވި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. އަދި ޝަރުއީ ކޯޓެއްގައި ނާޒިމްގެ ދިފާއުގައި ހެކިބަސް ދޭން ޖެހިއްޖެނަމަ އެކަންވެސް ކުރަން ތައްޔާރަށް ހުންނެވި ކަމަށް އަދީބު ފޮނުވި ސިޓީގައި ލިޔެފައިވެއެވެ.