Last Updated: June 11, 17:05
Thursday, June 11, 2026
މުނިފޫހިފިލުވުން

މި ފަހަރު "ޕަކީޒާ" ގެ ރިމެކިންއެއް

ކަމަލް އަމްރޯހީ 1972 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ކްލަސިކް ފިލްމް "ޕަކީޒާ" ގެ ރިމެކިންއެއް ހަދާ ގޮތަށް ނިންމައިފި އެވެ.

މީނާ ކުމާރީ އާއި ރާޖް ކުމާރު އަދި އަޝޯކް ކުމާރާއި ނާދިރާ ލީޑް ރޯލުން ގެނިގެން ގޮސްފައިވާ ހިތްގައިމު އަދި އަސަރު ގަދަ ލޯބީގެ ފިލްމްގެ "ޕަކީޒާ" ގެ ބަތަލާއަކަށް ހަމަޖައްސާފައި ވަނީ ބަޓް ކޭމްޕްގެ "ނަޒަރް" އިން ފެނިގެން ދިޔަ ޕާކިސްތާނުގެ ބަތަލާ މީރާ އެވެ.

މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މީރާ ބުނީ މީނާ ކުމާރީ ފަދަ ކުޅަދާނަ ބަތަލާއަކު ކުޅެފައިވާ ރޯލެއް އަބަދުވެސް ކުޅެން ބޭނުންވާ ކަމަށެވެ. އަދި އެފަދަ ދުވަހެއް އަންނާނެ ކަމުގެ ހުވަފެން ދެކެމުން ދިޔަ ކަމަށް މީރާ ބުންޏެވެ. އަދި އަމްރޯހީގެ ދަރިފުޅު ތަޖްދާރު އަމްރޯހީ "ޕަކީޒާ" ގެ ރިމެކިންއެއް ހަަދަން ނިންމައި، އެ ފުރުސަތު މީރާ އަށް ދޭން ނިންމުމާ ގުޅިގެން ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.

"ޕަކީޒާ" ގެ ރިމެކިންއެއް ހަދާކަން ކަށަވަރުކޮށް ދެމުން، ތަޖްދާރު ބުނީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ވެސް މީރާ އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އޭގެ ރިމެކިންއެއް ހަދާ ނަމަ މީނާ ކުމާރީގެ ރޯލް ކުޅުމުގެ ޝައުގުވެރިކަން މީރާ ފާޅުކޮށްފައިވާ ކަމަށް ތަޖްދާރު ބުންޏެވެ.

"އެ ފިލްމް އަހަރެން ހަދާނަން. އެކަމާ ގުޅޭ މަސައްކަތްތައް އަދި އުޅެނީ ވަރަށް ކުރީ މަރުހަލާއެެއްގައި. އެ ފިލްމް އަލުން ހެދުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭނެ،" ތަޖްދާރު ބުންޏެވެ. "އަހަންނަށް ގަބޫލް ކުރެވޭ ގޮތުގައި ޕަކީޒާގެ ރިމެކިން ހެދުމަށް ކުރީގެ ފިލްމަށްކޮށްފައިވާ 20 ގުނަ މަސައްކަތް ކުރަން ޖެހޭނެ. އޭގެ ތެރޭގައި ފިލްމްގެ ސެޓް ހެދުމާއި ފިލްމްގެ ސްކްރީންޕްލޭ އާއި ޑައިލޮގާއި ކޮސްޓިއުމް ވަރުގަދަ ކުރުމަށް ފުދޭ ވަރެއްގެ ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭނެ."

އޭނާ ބުނީ ފިލްމް ޑައިރެކްޓް ކުރާނެ މީހަކު ހަމަޖެހުނުހާ އަވަހަަކަށް ފިލްމްގެ އެހެން ކާސްޓުން ހަމަޖައްސާނެ ކަމަށެވެ.