ގޯދިއްޔާ ވިމެންސް ފުޓްސަލް ކަޕް 2017 ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެފްސީ ހަބޭސްއާއި ވާދަކޮށް 1-2 އިން މެޗު ކާމިޔާބުކޮށް އޭޓީޑަބްލިއު ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ހަބޭސްއާއި އޭޓީޑަބްލިއުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ގޯލާއެކު ލީޑު ނަގާފައިވަނީ އޭޓީޑަބްލިއު ޓީމުންނެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އޭޓީޑަބްލިއު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ދެޓީމުންވެސް ކުޅުން ރަނގަޅުކޮށް ހަމަލާތައް ވަރުގަދަކޮށްފައިވެއެވެ. އޭޓީޑަބްލިއު ޓީމުން ލީޑު ފުޅާކުރިއިރު ހަބޭސް އިން ވެސްވަނީ ފަހު ހާފުގައި ލަނޑެއް ޖަހާފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ ހަބޭސްއަށް އޭޓީޑަބްލިއުގެ ކޮޅަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވިއެވެ.
ހަބޭސްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 4، އާއިޝަތް އާނީ ސައީދެވެ. މިރޭގެ މެޗުގައި އޭޓީޑަބްލިއުގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ޝަހުލާ ތައުފީގްގެ އިތުރުން އާމިނަތް ޝަމިލާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވެވެސް ވަނީ ޝަމިލާއެވެ.
ފައިނަލުގައި އޭޓީޑަބްލިއު ވާދަކުރަން ޖެހޭނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު އަވަ އެފްޓީއާ ދެކޮޅަށެވެ.