ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ނުފޮނުވަނީ މުހިއްމު ހެއްކެއް ނެތިކޮށްލުމަށް ކަމަށް ގަބޫލުކުރެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ ރޭ ކުރެއްވި ޓުވީޓެއްގައެވެ. އަދީބުގެ ދިފާއުގައި މީގެކުރިންވެސް ނަޝީދު ވާހަކަ ދައްކަވާފައިވިނަމަވެސް މިއީ މިފަދަ ގޮތަކަށް ނަޝީދުގެ ބަސްމަގު ފަރުމާކުރެއްވި ފުރަތަމަ ފަހަރެވެ.
Difficult to read refusal of medical treatment for former Vice President Adeeb as any thing but an attempt to kill off a star witness.
— Mohamed Nasheed (@MohamedNasheed) June 30, 2017
ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ކުރީގެ ނައިބު ރައީސް އަދީބުގެ ބޭސްފަރުވާއަށް ނުފޮނުވަނީ މުހިއްމު ހެއްކެއް މަރާލުމަށް ކަމަށް ނޫން ގޮތަކަށް ނުފެނޭ ކަމަށާއި އެކަމާއި ހިތާމަކުރާކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ އިއްޔެ އަދީބުގެ ފަރާތުން އުއްތަމަ ފަނޑިޔާރަށް ކާނަލް ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުގެ ހަގީގަތް ނާޒިމަށް ނޭނގޭނެ ކަމަށާއި އެކަމުގެ ހަގީގަތް ފުރިހަމައަށް އެނގޭ ކަމަށް ވިދާޅުވެ ސިޓީއެއްވެސް ފޮނުވާފައިވަނިކޮށެވެ.
ސިޓީގައި އަދީބު ވަނީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ތިން ވަޒަނުގެ ހަގީގަތް ނާޒިމަށް ނޭނގޭނެ ކަމަށާއި އެކަން ރޭވުމުގައި ބައިވެރިވިކަމަށް އިއުތިރާފް ވެފައެވެ. އަދި އެކަމުގައި ބައިވެރިވި މީހުނާއި އެކަން ނިމިގެންދިޔަ ގޮތްވެސް ރަނގަޅަށް އެނގޭ ކަމަށް އަދީބު ވަނީ ސިޓީގައި އުއްތަމަ ފަނޑިޔާރަށް އަންގާފައެވެ.
މީގެ އިތުރުން ނާޒިމްގެ ކުށެއް ނެތް ކަން ޝަރުއީ ކޯޓެއްގައި ސާބިތުކޮށްދޭންވެސް ތައްޔާރަށް ހުރިކަމަށް އަދީބުގެ ސިޓީގައި ބުނެފައިވެއެވެ.
އަދީބުގެ ސިޓީ އުއްތަމަ ފަނޑިޔާރަށް ފޮނުވުމުން ކުއްލި ގޮތަކަށް ގޭބަންދަށް ބަދަލުކޮށްފައިވާ ނާޒިމް، އަދި ޝެއިޚް އިމްރާން ވަނީ އަނބުރާ ޖަލު ބަންދަށް ބަދަލުކޮށްފައެވެ.