މެންޗެސްޓާ ސިޓީގެ ގޯލު ކީޕަރު، ވިލީ ކަބަލޭރޯ ޗެމްޕިއަން ޗެލްސީއަށް ސޮއިކޮށްފިއެވެ.
ޗެލްސީއިން ކަބަލޭރޯގެ ސޮއި ހޯދާފައިވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. ކުލަބުގައި މިހާރުވެސް ބްރާވޯގެ އިތުރުން ދެ ކީޕަރުން އެބަތިއްބެވެ.
ސިޓީގެ ދެވަނަ ގޯލު ކީޕަރު ޗެލްސީއާއި ގުޅިފައިވަނީ ޗެލްސީގެ ސަބްސްޓިޓިއުޓް ކީޕަރު، އަސްމިރް ބެގޮވިޗް ކުލަބު ދޫކޮށް ބޯންމައުތާއި ގުޅުމުންނެވެ. އާޖެންޓީނާގެ 35 އަހަރުގެ ކަބަލޭރޯ ބުނެފައިވަނީ ޗެމްޕިއަން ޓީމާއި ގުޅުމުން ހާއްސަ އުފަލެއް ލިބިފައިވާ ކަމަށެވެ.
"ވަރަށް އުފާވެއްޖެ ޗެމްޕިއަން ޓީމާއި ގުޅުމުން. ކުޅުންތެރިންނާ ބައްދަލުކޮށް ކުލަބަށް އިތުރު ކާމިޔާބީ އަންނަ ސީޒަނުގައި ހޯދާދިނުމަށް މިހާރު މިހިރީ ކެތްމަދުވެފައި" ކަބަލޭރޯ ބުނެފައިވެއެވެ.
ކަބަލޭރޯ ވަނީ އޭނާ ސިޓީގައި ހޭދަކުރި ދުވަސްކޮޅު ލިބުނު ފުރުސަތުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. އޭނާގެ އެންމެ މަގުބޫލު ވެފައިވަނީ 2016 ވަނަ އަހަރު ލީގު ކަޕް ފައިނަލުގައި ލިވަޕޫލްއާއި ދެކޮޅަށް ދެއްކި ކުޅުމުންނެވެ. އެމެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީއަށް ދިއުމުން ކަބަލޭރޯ ވަނީ ލޫކަސް، ކޫޓީނިއޯ އަދި ލަލާނާ ޖެހި ޕެނަލްޓީވެސް މަތަކޮށް، ސިޓީއަށް ލީގު ކަޕް ޗެމްޕިއަންކަން ހޯދާދީފައެވެ.