Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޕީޕީއެމް ޕީޖީ ގްރޫޕް އޮތީ ސާބިތުކަމާ އެކު: ޖައުފަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލިސްއަށް ހުށަހެޅުމަށް ހަމަ ކުރަންޖެހޭ 42 މެމްބަރުންގެ ސޮއި ހަމަކުރަން މީގެ ކުރިންވެސް އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށާއި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕް އޮތީ ސާބިތު ކަމާއި އެކުކަމަށް ރ. އުނގޫފާރު ދާއިރާގެ މެމްބަރ ޖައުފަރު ދާއޫދު ވިދާޅުވެއްޖެއެވެ.

މަސީހުގެ އިތުބާރުގެ މައްސަލާގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ ވައިބަރ ގްރޫޕް ޗެޓް ލޮގްތަކެއް ލީކްވެފައި ވަނިކޮށް ޖައުފަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ގޮތެއް ހަދައިގެންވެސް ސަޕޯޓަރުން ހިފަހައްޓަން ޖެހޭ ކަމަށާއި އެގޮތަށް އެތައް ފަހަރަކު 42 މެމްބަރުން ހަމަ ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މަސީހުގެ އިތުބާރު ނެގުމުގެ މައްސަލަ އާއި ގުޅިގެން ޕީޕީއެމްގެ ބައެއް މެމްބަރުން ވަކި އެއްޗެއް ވިދާޅުވެފައި ނުވާއިރު މިހާތަނަށް ލީކްވެފައިވާ ޗެޓް ލޮގްތަކުގައި ރައީސް އަބްދުﷲ ޔާމީންއަށް ތާއިދުކޮށް ވާހަކަ ދައްކަވާފައިވަނީ މަދު މެމްބަރުން ކޮޅެކެވެ.

ޖައުފަރު މިގޮތަށް ވިދާޅުވެފައިވާ އިރު ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއް ލަޠީފް މުހައްމަދު ވަނީ މަސީހު އާއި އެއްކޮޅަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނުވިސްނޭކަމަށް ވިދާޅުވެފައެވެ. ލަޠީފް އެގޮތަށް ވިދާޅުވުމާއި ގުޅިގެން ބައެއް މެމްބަރުން ކޯފާވެ، ލަޠީފް ވައިބަރ ގްރޫޕުން ބޭރުކުރުމަށްވެސް ގޮވާލާފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން ރައީސް އަބްދުﷲ ޔާމީން އާއި އެކު މިހާރު ތިއްބެވީ 21 މެމްބަރުންނެވެ.