އިންޑިއާގައި ގުޑްސް އެންޑް ސާވިސެސް ޓެކްސް (ޖީއެސްޓީ) ނަގަން ފަށައިފި އެވެ.
އެގޮތުން އިންޑިއާގައި ކުރިން ނަގަމުން ގެންދިޔަ ސްޓޭޓް ޓެކްސްތައް އުވާލުމަށްފަހު ޖީއެސްޓީ ނަގަން ފަށާފައި ވަނީ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
އެގޮތަށް ޓެކްސް ނެގުމުގެ ޤާނޫނަށް ބަދަލު ގެނެސްފައި ވަނީ މަޖިލީހުގައި ރޭގަނޑުގެ ވަގުތެއްގައި ބޭއްވުނު ޚާއްސަ ޖަލްސާއެއްގައެވެ.
އިންޑިއާ އިން ބުނާ ގޮތުގައި ޖީއެސްޓީ ތަޢާރަފް ކުރުމުގެ ސަބަބުން ޓެކްސް ރެވެނިއު އިތުރުވެ، ޤައުމުގެ އިޤްތިޞާދު ކުރިއަރައިގެންދާނެ އެވެ.
އިންޑިއާގެ ފައިނޭންސް މިނިސްޓަރު އަރުން ޖެއިތުލީ ވިދާޅުވި ގޮތުގައި އަލަށް ގެނެވުނު ބަދަލާއި ގުޅިގެން އިޤްތިޞާދަށް 2% ގެ ކުރިއެރުމެއް ލިބިގެންދާނެ އެވެ.
އެހެންނަމަވެސް، ގިނަ ވިޔަފާރިވެރިން ދަނީ އެބަދަލުތައް ތަންފީޒް ކުރުމަށް އިތުރަށް ވަގުތު ބޭނުންވާ ކަމަށް ބުނަމުންނެވެ. އެގޮތުން ގިނަ ވިޔަފާރީތަކުގައި ޖީއެސްޓީ ނެޓްވޯކަށް ރަޖިސްޓްރީ ކުރާނެ ކޮމްޕިއުޓަރެއް ވެސް ނެތެވެ.
މިހާރު ގެނެވުނު ބަދަލުތަކާއިއެކު، މުދަލާއި ޚިދުމަތްތަކުން ޖީއެސްޓީ ނަގާނީ ތަފާތު ހަތަރު ރޭޓަކުންނެވެ. އެއީ 5%،12%، 18% އަދި 28% އެވެ.
އެހެންނަމަވެސް ތަރުކާރީ އާއި ކިރުފަދަ ބައެއް ތަކެތިން ޖީއެސްޓީ ނުނަގާނެ އެވެ. އެއާއެކުވެސް އެ އެއްޗެހިން އެހެނިހެން ޓެކްސްތައް ކުރިއެކޭ އެއްފަދައިން ނަގާނެ އެވެ.
ޓެކްސްގެ ޤަވާއިދަށް ގެނެވުނު ބަދަލާއި ގުޅިގެން އިންޑިއާގައި މުދަލާއި ޚިދުމަތްތަކުގެ އަގު ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.