Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އެމްޑީޕީން ތެދެއް ނަހަދާނެ: މުޢިއްޒު

އެމްޑީޕީގެ އިސްވެރިން ދޮގެއް ހެދެން އޮތްވައި ތެދެއް ނަހަދާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމްޑީޕީގެ އިސްވެރިންގެ ކިބައިގައި ތެދުވެރިކަމެއް ނެތްކަމަށާއި އެބޭފުޅުން ފަލްސަފާ އަކީ ދޮގެއް ހެދެން އޮވެއްޖިއްޔާ ތެދެއް ނެހެދުން ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ 3 އަހަރުގައި އެބޭފުޅުންނަށް އެންމެ ހައުސިން ޔުނިޓެއް އަޅައި ރައްޔިތުންނާއި ހަވާލު ކުރެވިފައި ނުވާކަމަށާއި ނަމަވެސް ޕީޕީއެމްގެ ވެރިކަމުގެ 3 އަހަރު ހައުސިން ދާއިރާއިން ބޮޑެތި ކުރިއެރުން ހޯދާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެމްޑީޕީން ވައުދުވަނީ އެ ވައުދު ފުއްދުމަށް ނޫންކަމަށާއި އެވައުދު ފުއްދުމުގެ ގާބިލްކަންވެސް ނެތްކަމަށެވެ.

އޭގެ ބަދަލުގައި އެމްޑީޕީ އަކީ އިސްލާމްދީނާއި ދެކޮޅު މަސައްކަތް ކުރާ ޕާޓީއެއްކަމަށާއި އެހެންވެ ރައްޔިތުން 2011 ވަނަ އަހަރު ނިކުމެ އެމްޑީޕީ އާއި ރައީސް ނަޝީދު އާއި ދެކޮޅަށް އަޑުއުފުލިކަމަށެވެ. އަދި އެދުވަހު ރައްޔިތުން ގޮވައިގެން ނަޝީދު އާއި ދެކޮޅަށް ނިކުތް އަދާލަތު ޕާޓީ ނަޝީދުގެ ފަހަތުގައި އޮތުމުން އެބޭފުޅުންގެ އިހްލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ އަދާލަތު ޕާޓީގެ ގިނަ ޝޭހުން އެހެންވެ މިއަދު ޕާޓީ ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި އެޕާޓީގެ އިސް ފަރާތްތަކުން މިހާރު މަސައްކަތް ކުރައްވަމުން ދަނީ އަމިއްލަ މަސްލަހަތަށްކަމަށް ވިދާޅުވެ އަދާލަތު ޕާޓީއަށް ބަހުގެ ހަމަލާ ދެއްވިއެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ޖުމްލަކޮށް ރާއްޖެ ދިޔައީ ފަހަތަށް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ކުރު މުއްދަތުގައި ރާއްޖެ ބޮޑެތި ކުރިއެރުން ހޯއްދަމުން އަންނަ ކަމަށެވެ.