އެމްޑީޕީ އަކުން އެއް ޖިންސުގެ ކައިވެނި ކުރުމުގެ ހައްގަކަށް ތާއީދެއް ނުކުރާ ކަމަށްބުނެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދުދީދީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ.
އިބްރާހިމްދީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް އަދި ގައުމީ މަޖިލީހުގެ މެމްބަރެއް ކަމަށާއި އެމްޑީޕީ އިން އެއް ޖިންސުގެ ކައިވެނީގެ ހައްގަށް ތާއީދެއް ނުކުރާ ކަމަށެވެ.
އެމްޑީޕީ އިން އެއް ޖިންސުގެ ކައިވެންޏަށް ތާއީދު ކުރާ ކަމަށް އަޑު ފެތުރިފައިވަނީ ކުރީގެ ފޮރިން މިނިސްޓަރ، ޑރ. އަހުމަދު ޝަހީދު ޓުވިޓާގައި ކުރި ޓުވީޓުތަކަކާއެކުގައެވެ.
ޑރ. ޝަހީދު ޖަރުމަނު ވިލާތުގައި އެއް ޖިންސުން ކައިވެނި ކުރުން ހުއްދަކުރި ޚަބަރެއް ރިޓުވީޓު ކުރުމާއި އެއް ޖިންސުން ކައިވެނިކުރުމަށް ތާއީދުކޮށް ކުރި އެހެން ޓުވީޓަކާއެކު ޝަހީދަށް ވަނީ ދިވެހި ރައްޔިތުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައެވެ.