Last Updated: June 23, 06:08
Tuesday, June 23, 2026
ރިޕޯޓް

ރައީސް ޔާމީންގެ މޫނުމަތިން ނުތަނަވަސްކަމާއި މާޔޫސްކަން، ކީއްވެ؟

ޕީޕީއެމްގެ އިސް ބޭފުޅުންނާ ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަނީ-

ޕީޕީއެމްގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެފައިވާ ކަމަށް އަޑުފެތުރެމުން ދަނިކޮށް ރޭ އެޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ޕާޓީގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، ނުތަނަވަސްކަމާއި މާޔޫސްކަން ވެރިވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އަޑުފެތުރެން ފަށައިފި އެވެ.

ކާނަލް މުހައްމަދު ނާޒިމްގެ މައްސަލާގައި ރައީސް ޔާމީނާއެކު ތިއްބެވި މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، ނާޒިމް މިނިވަން ނުކޮށްފިނަމަ އިދިކޮޅު ފަރާތްތަކުން ނެގުމަށް ތައްޔާރުވަމުން އަންނަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަސީހާ ދެކޮޅަށް ވޯޓު ދޭނެ ކަމަށްވެސް ބައެއް މެމްބަރުން އަންނަނީ ބުނަމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި ޕާޓީގެ ދެ ނައިބު ލީޑަރުންނާއި، ޕީޖީ ގްރޫޕުގެ ލީޑަރު އަދި ނައިބު ލީޑަރާއި ސެކެޓްރީ ޖެނެރަލްއާއެކު ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާ ކުރެވުނީ ކޮން ކަމަކާއި މެދުގައި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް ޕީޕީއެމް ޕީޖީ ގްރޫޕްގެ ވައިބާ ގްރޫޕް ތެރޭގައި ނާޒިމް މިނިވަންކުރުމަށް މެމްބަރުން ދަނީ ފާޅުގައި ގޮވާލަމުންނެވެ.

ނާޒިމްގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުވާފައެވެ. ސިޓީގައި ނާޒިމްގެ ގެއިން ފެނުނު ހަތިޔާރާއި ތިން ވަޒަނުގެ ހަގީގަތް ނާޒިމަށް ނޭނގޭނެ ކަމަށާއި، އެކަން ރޭވުމުގައި ބައިވެރިވި މީހެއްގެ ހައިސިއްޔަތުން އެކަން ކުރިއަށް ދިޔަ ގޮތާއި ނިމިގެން ދިޔަ ގޮތް ރަނގަޅަށް އެނގޭ ކަމަށް އަދީބުގެ ސިޓީގައި ބުނެފައިވެއެވެ.

އަދީބުގެ މިސިޓީއާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ ނާޒިމް ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ރައީސް ޔާމީނާއި އަރިސް މެމްބަރުން ވަނީ "ފާސިގު ހެކިވެރިޔަކު" ލިޔުނު ސިޓީއެއްގެ މައްޗަށް ނާޒިމް ދޫކޮށްނުލެވޭނެ ކަމަށް ބުނަމުންނެވެ.

ސިޔާސީ މަސްރަހް މިފަދަ ހަލަބޮލި ވަގުތެއްގައި ރައީސް އަބްދުﷲ ޔާމީންގެ މޫނުމަތިން އެފަދަ ނުތަނަވަސްކަމެއް ފެންނަން ހުރި ފޮޓޯއެއް އާއްމު ކުރުމަކީވެސް ހަގީގަތުގައި އެމަނިކުފާނަށް ދެވޭ ގެއްލުމެކެވެ. އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި މިފަދަ ފޮޓޯ ހިއްސާ ކުރުމަށް ފުރުސަތު ގިނަ ފަހަރު ދެނީވެސް ޕީޕީއެމް ތެރެއިންނެވެ. އެޕާޓީގެ ވެރިންނެވެ. މިއީ ހުރިހާ ގޮތަކުން ވެސް ރައީސްއަށް ކުރިމަތިވާ ގޮންޖެހުން ތަކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހްގައި ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ގިނަ ކަންކަމަށް ބަލާއިރު ރައީސް ޔާމީން ގެންދަވަނީ އިދިކޮޅު ފަރާތްތަކުގެ އެފަދަ ފާޑު ކިއުންތަކަށް ބެއްލެވުމެއް ނެތި ކުރިއަށް ވަޑައިގަންނަވަމުންނެވެ. އެހެންވެ ފަހަރުގައި މިކަންކަމަކީ އެ މަނިކުފާން މާ އިސްކަމެއް ދެއްވާ ކަމެއް ނޫންކަމަށްވެސް ވެދާނެއެވެ.