ޓެރަރިޒަމްގެ ކުށް ސާބިތުވެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޝެއިޚް އިމްރާނާ މެދު ޖަލުގައި އަމަލު ކުރަނީ ބޭއިންސާފުވެރި، އަނިޔާވެރި ގޮތަކަށް ކަމަށްބުނެ އާއިލާއިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މައްސަލަ ހުށައަޅައިފިއެވެ.
އާއިލާއިން ބުނެފައިވަނީ ކުރިން އިމްރާން ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ބަހައްޓާފައިވަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނައިޓުގައެވެ. ނަމަވެސް މިފަހަރު އަނބުރާ ޖަލަށް ގެންދިއުމަށްފަހު މީހުން މެރުންފަދަ ބޮޑެތި ކުށްތައް ސާބިތުވެފައިވާ ގައިދީންނަށް ހާއްސަކޮށްފައިވާ ޔުނިޓަށް އިމްރާން ބަދަލުކޮށްފައިވާ ކަމަށް ބުނެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް އިމްރާންގެ އަނބިކަނބަލުން، މަރިޔަމް ރީމާ ފޮނުވި ސިޓީއެއްގައި އިންސާނީ ގަދަރަށާއި ކަރާމާތަށް އިހާނެތިވާ ގޮތަށް ޝެއިޚް އިމްރާން ޖަލުގައި ބަހައްޓާފައިވާ ކަމަށާއި އިމްރާން ބަހައްޓާފައިވާ ތަނުގައި ވައި ދައުރުނުވާއިރު ހޫނުކަމުން ސަލާމަތްވުމަށް ފަންކާއެއްވެސް ފޯރުކޮށްދީފައިނުވާ ކަމަށެވެ.
އަދި މިގޮތަށް އަމަލު ކުރުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އޭގެ ނޭދެވޭ އަސަރު ކުރުވާނެ ކަމެއް ކަމަށްވެސް ރީމާ އެޗްއާރްސީއެމަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ. އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކޮމިޝަނުގެ މައްޗަށް ގާނޫނު ލާޒިމު ކުރާހިނދު، ފިރިކަލުންގެ ހާލަތު ބައްލަވައި، އަވަސް ހައްލެއް ފޯރުކޮށްދިނުމަށް ރީމާ ވަނީ ކޮމިޝަނުގައި އެދިފައެވެ.
މޭޑޭ މުޒާހަރާގައި ޝެއިޚް އިމްރާން ދެއްކެވި ވާހަކައަކާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ރަމަޟާން މަހާއި ދިމާކޮށް އިމްރާން އަދި ކާނަލް ނާޒިމް ގޭބަންދަށް ބަދަލުކޮށްފައިވިނަމަވެސް މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް ދެބޭފުޅުންވެސް ވަނީ އެނބުރި ޖަލަށް ބަދަލުކޮށްފައެވެ.