Last Updated: June 11, 17:05
Thursday, June 11, 2026
ސިޔާސީ

އެމްޑީޕީން ކެމްޕޭން ދަތުރުތައް ފަށަނީ

އެމްޑީޕީން މިއަދުން ފެށިގެން ރާއްޖޭގެ އެކި ދާއިރާތަކަށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުތަކެއް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މި ދަތުރުތަކުގައި އެމްޑީޕީގެ ތަފާތު ޓީމުތަކުން ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދާނެ އެވެ. އެގޮތުން ތިން ދުވަހަށް ދެމިގެންދާ މި ދަތުރުތަކުގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، އައްޑޫ ސިޓީ، ފުވައްމުލައް، ގދ. ތިނަދޫ، ލ. އަތޮޅު ގަން އަދި ފޮނަދު އަށް ޕާޓީގެ އިސް ބޭފުޅުން ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިއިން ކޮންމެ ދާއިރާއަކަށް އެމްޑީޕީގެ ވަކި ވަކި ޓީމުން ކުރާ ދަތުރުތަކުގައި ދޮރުން ދޮރަށް ހިނގުމާއި، އާއްމު ޖަލްސާތައް ބޭއްވުމާއި، މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި، ރަށް ރަށުގެ ރައްޔިތުންނާ ބައްދަލު ކުރުމާއި، ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި، ދާއިރާތަކުގެ އިސްވެރިންނާ ބައްދަލު ކުރުމާއި އަދި ކައުންސިލަރުންނާ ބައްދަލު ކުރުން ކުރިއަށް ދާނެ އެވެ.

އެމްޑީޕީން ފަށާ ކެމްޕެއިންގެ މި ދަތުރުތަކުގައި ރާއްޖޭ ހުރިހާ ސަރަހައްދަކަށް ވެސް ދަތުރު ކުރާގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މަޢޫލޫމާތު ހޯދުމަށް ޕާޓީން ވަނީ، “ވަޢުދުގެ ދަތުރު”ގެ ނަމުގައި ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކޮށްފަ އެވެ.

އެގޮތުން އެންމެ ދެކުނުގެ ހަތަރު އަތޮޅަށާއި ބޮޑުތިލަދުން މައްޗަށް ވަނީ ދަތުރުކޮށްފަ އެވެ.