Last Updated: June 22, 20:19
Tuesday, June 23, 2026
ދުނިޔެ

ސީރިޔާގައި ދިން ބޮމުގެ ހަމަލާއެއްގައި 19 މަރު

ސީރިޔާގެ ވެރިރަށް ދިމިޝްޤުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 19 މީހުން މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިހަމަލާ ދީފައިވަނީ ތިން މީހުން ވެގެންނެވެ. ސީރިޔާ ފުލުހުން ވަނީ ތިން މީހުން ރަށުތެރެއަށް ވަންނަން އުޅެނިކޮށް ޝައްކު ކުރެވިގެން އަތުލުމަށް މަސައްކަތް ކޮށްފައެވެ.

އޭގެ ތެރެއިން ދެ އުޅަނދެއް ހުއްޓުވައި، ހަމަލާދޭން އުޅުނު މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެކަކު ވަނީ ފުލުހުން ވަށާލުމުން އަމިއްލަ ގައިގައި ހަރުކޮށްފައި ހުރި ބޮން ގޮއްވާލާފައެވެ.

ސީރިޔާގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ޓެރަރިސްޓުން އެގައުމުގެ އެކި ދިމާލުގައި ބޮމުގެ ހަމަލާ ދޭން މަސައްކަތް ކުރަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެނެވެ. ބޮން އެޅުމަށް ރާވާފައިވަނީ މީހުން ގިނަ އަދަދަކަށް އެއްވެ އުޅޭ ތަންތަނަށެވެ.