މާލެ އާއި އަތޮޅުތެރޭ ރަށް ރަށުގެ ކަރަންޓް ފީގެ އަގު އެއްވަރު ކޮށްފިނަމަ ރައްޔިތުންނަށް ލުއި ތަކެއް ލިބިގެންދާނެ ކަމަށާއި މީގެ ސަބަބުން އަތޮޅު ތެރޭ ރައްޔިތުންގެ ތާއިދު ރައީސް އަބްދުﷲ ޔާމީނަށް އިތުރުވެގެންދާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ތެލުގެ ޑިއުޓީ 5 ޕަސެންޓަށް ކުޑަކުރުމަށްފަހު މިއަދު ސަރުކާރުން ކަރަންޓްގެ އަގު ހެޔޮކުރި ކަން އިއްލާން ކުރުމާއި ގުޅިގެން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްގައި އައިބީ ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށުގައި ކަރަންޓް ފީގެ އަގު އެއްވަރުކޮށްފި ނަމަ ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
އަދި ރައީސް ޔާމީނަށް އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ތާއީދު ލިބިގެންދާނެ ކަމަށެވެ.

އައިބީ މިގޮތަށް ވިދާޅުވިއިރު ބައެއް މެމްބަރުން ވަނީ ކަރަންޓްގެ އަގު ސަރުކާރުން ކުޑަކުރުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީނަށް " ޝުކުރިއްޔާ ރައީސް ޔާމީން" ވިދާޅުވެފައެވެ.
އައިބީގެ އިތުރުން މެމްބަރ ރިފާއު (ބޮޗޭ) ވަނީ ކަރަންޓް އަގު ހެޔޮކުރި ކުރުމަށް ފާޑު ވިދާޅުވެފައެވެ. ބޮޗޭ ވިދާޅުވީ އެއްޗެކޭ ދަންނަވަން އެނގޭނީ މިމަހުގެ ބިލު ލިބުމުން ކަމަށާއި މިދިޔަ މަހު ވެސް ބިލު އައި އިރު އޮތީ 125 އިންސައްތަ ބޮޑުވެފައި ކަމަށެވެ.

ބޮޗޭ ވިދާޅުވީ ރައްޔިތު މީހާ ހިސާބު ޖަހަނީ ރައީސް ޔާމީން ވެރިކަމާ ހަވާލުވި އިރު ކަރަންޓުގެ އަގާއި މިއަދުގެ އަގާ ކަމަށެވެ. "100 އިންސައްތަ އަގުހެޔޮ ކުރި ނަމަވެސް ބިލު ކުޑަ ނުވާ ނަމަ އެއީ ހައްލެއް ނޫން ކަމަށާއި ކާޑު ވެސް ވީ ހަމަ އެހެން ނޫންތޯ" ބޮޗޭ ސުވާލުކުރިއެވެ.
ޕީޕީއެމް ޕީޖީ ގްރޫޕްގައި މެމްބަރުން ދައްކަވަމުންދާ ވާހަކަ ލީކްވަމުން އަންނަ އިރު ގިނަ މެމްބަރުން ދަނީ އެކިއެކި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ޕީޕީއެމް ވައިބަރ ގްރޫޕްގެ ޗެޓް ލޮގްތައް ލީކްވަމުން މިދަނީ މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމަށް ނެގުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅާއި ދިމާކޮށެވެ.