މުޅިން އަލަށް ބޭއްވުނު ގޯދިއްޔާ ވިމެންސް ފުޓްސަލް ކަޕްގެ ފައިނަލުގައި އޭޓީޑަބްލިއު ބަލިކޮށް އަވަ އެފްޓީ މުބާރާތް ކާމިޔާބުކޮށްފި އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް އަވަ އެފްޓީ ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުން އޭޓީޑަބްލިއު ބަލިކޮށްގެނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަވަ އެފްޓީ އިން ލަނޑު ޖަހައި ލީޑު ނަގާފައިވާއިރު ރަނގަޅު ފުރުސަތުތަކެއް އެޓީމުން ވަނީ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ.
މެޗުގެ ފުރަތަމަ ހާފު އަވަ އެފްޓީ 0-1 ގެ ލީޑަކާއެކު ނިންމާލާފައިވާއިރު ދެވަނަ ހާފުގައިވެސް އެޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނި، ހަމަލާތައް އުފައްދަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން އޭޓީޑަބްލިއު ޓީމަށް ނަތީޖާ އެއްވަރު ނުކުރެވުނީ އަވަ އެފްޓީ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ.
އަވަ އެފްޓީގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 5، ފާތިމަތް އަލްމާއެވެ. މިރޭގެ މެޗުގައި އަވަ އެފްޓީއިން ޖެހި ދެ ގޯލުވެސް ޖަހާފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު އަލްމާއެވެ.
ފައިނަލުން މޮޅުވެ މުބާރާތް ކާމިޔާބުކުރުމުން އަވަ އެފްޓީއަށް ވަނީ 25،000 ރ. ގެ ފައިސާގެ އިނާމެއް ލިބިފައެވެ.