ތެލުން ނަގާ ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަ ކުރުމަށް ނިންމައި ކަރަންޓް ބިލް ކުޑަވާނެ ކަމަށް ސަރުކާރުން ބުނިފަހުން މިދިޔަ މަހު ލިބުނު ބިލް ބޮޑުތަނުން ބޮޑުވެފައިވާ ކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކުރަން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މި ޖޫން މަހު ގޭގެއަށް ފޮނުވި ކަރަންޓް ބިލު ބޮޑުވެފައިވާ އިރު ފާއިތުވި ތިން މަހަށް ވުރެ މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުކަމަށް "އައްޑޫލައިވް"އާއި ވާހަކަ ދެއްކި ބައެއް ރައްޔިތުން ބުންޏެވެ.
ތެލުގެ ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަ ކުރި އެންމެ ބޮޑު ބޭނުމެއްކަމަށް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ވަކާލާތު ކުރީވެސް ކަރަންޓް ބިލް ކުޑަ ކުރުމަށެވެ. ނަމަވެސް އެކަމެއް އަދި ނުފެނެއެވެ.
ޖޫން މަހުގެ "ބޮޑު"ކަރަންޓް ބިލް ގޭގެއަށް ފޮނުވާފައިވާ އިރު އިއްޔެ ސަރުކާރުން ވަނީ ކަރަންޓްގެ އަގު ކުޑަ ކުރިކަން އިއްލާން ކޮށްފައެވެ.
ސަރުކާރުން ކަރަންޓްގެ އަގު ކުޑަ ކުރުމަށް ނިންމި ނިންމުމަށް ފާޑު ވިދާޅުވަމުން ޕީޕީއެމްގެ މެމްބަރ އަހްމަދު ރިފާއު (ބޮޗޭ) ވިދާޅުވީ އެއްޗެކޭ ދަންނަވަން އެނގޭނީ މިމަހުގެ ބިލު ލިބުމުން ކަމަށާއި މިދިޔަ މަހު ވެސް ބިލު އައި އިރު އޮތީ 125 އިންސައްތަ ބޮޑުވެފައި ކަމަށެވެ.
ބޮޗޭ ވިދާޅުވީ ރައްޔިތު މީހާ ހިސާބު ޖަހަނީ ރައީސް ޔާމީން ވެރިކަމާ ހަވާލުވި އިރު ކަރަންޓުގެ އަގާއި މިއަދުގެ އަގާ ކަމަށެވެ. 100 އިންސައްތަ އަގުހެޔޮ ކުރި ނަމަވެސް ބިލު ކުޑަ ނުވާ ނަމަ އެއީ ހައްލެއް ނޫން ކަމަށާއި ކާޑު ވެސް ވީ ހަމަ އެހެން ނޫންތޯ ބޮޗޭ ސުވާލު ކުރައްވާފައިވެއެވެ.
ބޮޗޭ މި ގޮތަށް ވިދާޅުވެފައިވާ އިރު ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީވެސް ވަނީ ކަރަންޓް ބިލް ތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އިބްރާހިމް ދީދީ ވިދާޅުވީ މާލެއާއި އަތޮޅު ތެރޭގެ ރަށްރަށުގައި ކަރަންޓް ފީގެ އަގު އެއްވަރު ކޮށްފިނަމަ ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ތާއީދު ލިބިގެންދާނެ ކަމަށެވެ.
އައްޑޫގެ ގޭގެއަށް ލިބުނު ކަރަންޓް ބިލް ބޮޑުވެފައިވާ އިރު މީގެ ކުރިން ކަރަންޓް ބިލް ބޮޑުވީ ޖައްވު ހޫނު ވެގެން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.