އެކަނި ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ހުންނަން ޖެހުނަސް ރައީސް ޔާމީނާއި ސަރުކާރު ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އަރުވައިފި އެވެ.
އައްސަދު މިހެން ވިދާޅުވެފައިވަނީ އިއްޔެ ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ވައިބާ ގްރޫޕުގައި މެމްބަރުންނާއި މުޚާތަބު ކުރަމުންނެވެ. އައްސަދުގެ ފަހަތުން ރައީސަށް ވަފާތެރިކަން ޔަގީންކޮށްފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލެވެ.
އޭނާ ވިދާޅުވެފައިވަނީ އައްސަދަކީ ފުރަތަމަ މީހާ ކަމަށްވާ ނަމަ ދެވަނަ މީހަކަށް ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ހުންނާނެ މީހަކީ އޭނާ ކަމަށެވެ. ރައީސް ޔާމީން ވަނީ މެމްބަރުންގެ ބަސްތަކަށް ޝުކުރު އަދާކޮށްފައެވެ.
ކާނަލް ނާޒިމްގެ މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަދީބު އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީއާއެކު ޕީޕީއެމްގެ މެމްބަރުން ވަނީ ދެބަޔަކަށް ބެހިގެން ގޮސްފައެވެ.
ނާޒިމް އަކީ ކުށެއް ނެތި ޖަލަށްލެވުނު މީހެއް ކަމަށާއި ނާޒިމް މިނިވަން ކުރުމަށް ބައެއް މެމްބަރުން ގޮވާލާފައިވާއިރު ބައެއް މެމްބަރުން ވަނީ "ފާސިގު ހެކިވެރިޔެއްގެ" ހެއްކަށް ތަބައަ ނުވުމަށް ގޮވާލައިފަ އެވެ.