ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު މެމްބަރުން ތައްޔާރުވަމުންދާއިރު ރައްދުގައި ޕީޕީއެމްއިން ވޯޓު ނާކާމިޔާބުކުރުމަށް ބޭނުންކުރާ އުކުޅަކީ އިދިކޮޅު ފަރާތްތަކަށް "އެޓޭކު" ކުރުމެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެމްބަރުން ހިމެނޭ ވައިބާ ގްރޫޕުގައި ބައެއް މެމްބަރުން ވަނީ ވޯޓާއި ގުޅިގެން ކުރަންވީ ކަންތަކުގެ ވާހަކަ ދައްކާފައެވެ. އެގޮތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ އެބޭފުޅުން ކުރަންވީ ކަމަކީ ސޯޝަލް މީޑިޔާގައި އިދިކޮޅު ފަރާތްތަކަށް ވަރުގަދައަށް އެޓޭކުކުރުމެވެ.
"އިދިކޮޅު ފަރާތްތަކުގެ ޕްލޭނެއް ނެތް. އޮތީ ވަރަށް ބޮޑަށް ރެނދު އަޅާފަ. ސޯޝަލް މީޑިޔާގައި އަޅުގަނޑުމެން ވަރުގަދައަށް އެޓޭކު ކުރަންވީ."
ޙަލީލްގެ މި ޕްލޭނަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު، ނިހާން ވަނީ ސާބަސް ދެއްވާފައެވެ. އަދި ރައީސް ޔާމީންވެސް ވަނީ ޙަލީލްގެ ޕްލޭނަށް އަތްތިލަބަޑި ޖައްސަވާފައެވެ.
މެމްބަރުންނާ މުޚާތަބުކޮށް ނިހާން ވިދާޅުވެފައިވަނީ މިއީ ނާޒުކު ދަނޑިވަޅެއް ކަމަށާއި މިފަދަ ދަނޑިވަޅުތަކުގައި ހަނދާނަށް ގެންނަންވީ ނޮވެމްބަރު 2008، ފެބްރުއަރީ 2012 ފަދަ ދުވަސް ތަކުގައި ދިވެހިން އުޅެން ޖެހުނު ހާލާއި ލިބުނު ގެއްލުންކަމަށެވެ. އަދި އެފަދަ ދުވަސްތައް ތަކުރާރު ނުކުރުމަށް ރައީސް ޔާމީނާއެކު މުޅި ޕީޖީ ގްރޫޕް ސާބިތުވެތިބުމަށް ގޮވާލައި ﷲ ގެ ހަޟްރަތުން އެކަން މިންވަރުކުރުމަށް ދުއާކޮށްފައިވެއެވެ.