Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ސޮއި ކުރިޔަސް މަސީހާ ދެކޮޅަށް ވޯޓެއް ނުދޭނެ: ނިހާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމްގެ 10 މެމްބަރުންނާ އެކު ޖުމްލަ 45 މެމްބަރުންގެ ސޮޔާއި އެކު މިއަދު މަޖްލިސްއަށް ހުށަޙެޅި ނަމަވެސް އެ މެމްބަރުން މަސީހު އާއި ދެކޮޅަށް ވޯޓު ނުދެއްވާނެ ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާނު މިއަދު ވިދާޅުވީ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮއި އިދިކޮޅު ފަރާތްތަކުން ހޯދާފައިވަނީ އެ މެމްބަރުން މަސީހު އާއި މެދު ހިތް ހަމަނުޖެހި ތިއްބެވި ވަގުތެއްގައި ކަމަށެވެ. ނަމަވެސް މަޖްލިސްގެ ވޯޓާއި ހިސާބަށް ދާއިރު މެމްބަރުން ވޯޓު ދެއްވާނީ މަސީހު އާއި އެއްކޮޅަށް ކަމަށާއި މަޖްލިސްގެ އައްލަބިއްޔަތު ސަރުކާރަށް ނުގެއްލޭ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމަށް ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންނަކީ އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އާއި ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީ އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ފުވައްމުލަކު އިތުރު ދާއިރާގެ މެންބަރު އަލީ ޝާހާއި ތިނަދޫ އިތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.

ނިހާން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމަށް ސޮއި ކުރެއްވި ބައެއް މެމްބަރުން ރޭ ވެސް ވަނީ ސަރުކާރާއި އެކު ތިބިކަން ހާމަކޮށްފައި ކަމަށެވެ.

ނިހާން މި ގޮތަށް ވިދާޅުވިއިރު މިފަހަކަށް އައިސް ޕީޕީއެމް ޕީޖީ ވައިބަރ ގްރޫޕްގެ ޗެޓް ލޮގްތައް ލީކްވަމުން އަންނަ އިރު ބައެއް މެމްބަރުން ގެންދަވަނީ ހިތް ހަމަނުޖެހުން ފާޅު ކުރަމުންނެވެ.