ދިވެހި ޤައުމަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކުގައި މަސައްކަތް ކުރުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ މިރޭ އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މައުމޫން އިތުރަށް ވިދާޅުވެފައިވަނީ މިއަދު މުހިންމީ ޒާތީ ނުވަތަ ފަރުދީ މައްސަލަ ކުރިއެރުވުމަށް ނޫން ކަމަށާއި ގައުމަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވެފައިވަނީ މިއަދު ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ދިރިއުޅެމުން ދަނީ ބިރުވެރިކަމާއި، ނާމާންކަމާއި، ނުރުހުމުގެ ތެރޭގައި ކަމަށެވެ. މިފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރުމަކީ އެންމެ އިސްކަން ދީގެން ކުރާ ކަން ކަމަށްވެސް މައުމޫން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ. 45 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމަކީ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް ކަމުގައި މައުމޫން ވިދާޅުވެފައިވެއެވެ.
އެކުވެރިކަމަކީ ގުޅިގެން މަސައްކަތް ކުރުމުގެ އެންމެ މުހިންމު މަސްދަރު ކަމަށާއި ދޭދޭ ޕާޓީގެ ދެމެދުގައި އޮންނަން ޖެހޭ އެކުވެރިކަން ގާއިމްކޮށް ދެމެހެއްޓުމަށް މައުމޫން ވަނީ ހުރިހާ ޕާޓީއެއްގެ ކިބައިން އެދިވަޑައިގެންފައެވެ.
ޖަލްސާގައި ދެއްކި ވާހަކަފުޅު ނިންމާލުމުގެ ގޮތުން މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިއަދު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅި 45 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިނުގަންނަވާ މެމްބަރުންވެސް އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް އިލްތިމާސްކޮށްފައެވެ.