ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް ލިބެމުންދާ އަނިޔާތަކުގެ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކީރިތި ކުރައްވައިފި އެވެ.
ޤައުމުގެ ކަންތައް އިސްލާޙު ކުރެއްވުމަށް ޝެއިޚް އިމްރާން ކުރައްވާ މަސައްކަތް ފާހަގަކުރެއްވި އިރު މައުމޫންގެ މޫނުފުޅު މަތިންނާއި އަޑުފުޅުން ވެސް މައުމޫނު ހުންނެވީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަން އެނގިގެން ދިޔައެވެ.
އިމްރާންގެ ހިތްވަރުގަދަ ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ، އިމްރާނަކީ ވަރަށް އިޚްލާސްތެރި ގައުމަށް ވަފާތެރި، ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ މިތާނގައި މިނިވަންކަމާ އެކީގައި. އެހެނެއް ނޫން އިމްރާން މިއަދު ހުންނެވީކީ. ޖަލުގެ ކުޑަ ގޮޅީގައި. އެހެން ނަމަވެސް އެމަނިކުފާނުގެ ހިތްވަރުފުޅަކަށް އެއްވެސް ބަދަލެއް ނާދޭ. އަޒުމްފުޅަކަށް ގުޑުމެއް ނާދޭ. ކުރިން ހުންނެވި ވަރަށް ވުރެ ވެސް ވަރުގަދަ އަޒުމެއްގައި މިހާރު ހުންނެވީ،" ކީރިތި ކުރައްވަމުން މައުމޫން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މި ދަނޑިވަޅުގައި ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މިވަގުތު އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީ ތަކާއި އެކު އިހްލާސްތެރި މަސައްކަތެއް ކުރުން ގައުމަށް ވަރަށް މުހިއްމު ކަމަށެވެ.