ފްރާންސްގެ ސަރުކާރު ސިއްސުވާލާނެ ފަދަ ކަމެއް އެ ޤައުމުގެ ރައީސް އިމެނުއެލް މެކްރަން ހުށައަޅުއްވައިފި އެވެ.
އެގޮތުން ޕެލެސް އޮފް ވާސެއިލްސް ގައި ވާހަކަފުޅު ދައްކަވަމުން މެކްރަން ވިދާޅުވީ ފްރާންސްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދުން 1/3 މަދުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތަށް ބަދަލު ގެނެވުމުން ސަރުކާރުގެ ހިންގުން އިތުރަށް ރަނގަޅުވެ، ފްރާންސް އަށް މުޅިން އާ މަގުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް މެކްރަން ވިދާޅުވި އެވެ.
މެކްރަން ހުށައެޅުއްވި އިސްލާޙް އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި މަޖިލީހުން ފާސް ނުކޮށްފިނަމަ، އޭނާ ވިދާޅުވީ އެކަމާއި ބެހޭގޮތުން ގޮތެއް ނިންމަވާނީ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

މެކްރަން ހުށައަޅާފައިވާ އިސްލާޙްތައް ފާސްވެއްޖެނަމަ، ފްރާންސްގެ ޤައުމީ މަޖިލީހުގެ މެމްބަރުންގެ އަދަދު 577 އިން 385 އަށް އަދި ސެނެޓްގެ މެމްބަރުންގެ އަދަދު 348 އިން 232 އަށް ބަދަލުވެގެން ދާނެއެވެ.
މެކްރަން އިތުރަށް ވިދާޅުވި ގޮތުގައި ފްރާންސްގެ އިންތިޚާބީ ނިޒާމަށްވެސް ބަދަލުތަކެއް ގެނެސް، ޓެރަރިސްޓް ހަމަލާތަކަށްފަހު އިއުލާންކުރެވުނު ޤައުމީ ކުއްލި ހާލަތު ޚިޒާން މޫސުން އަންނަން ވާއިރަށް އުވާލެވޭނެ ކަމަށެވެ.
މަޖިލިސް މެމްބަރުންގެ އަދަދު މަދުކުރުމަށްޓަކައި މެކްރަން ހުށައެޅުއްވި އިސްލާޙްތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް ވަނީ އަމާޒްވެފައެވެ.