Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ސެމްސަންގް "ނޯޓް ފޭން އެޑިޝަން" ހުކުރު ދުވަހު ބާޒާރަށް

ގެލެކްސީ ނޯޓް 7 ސީރީސްގެ ބައެއް ފޯންތައް ގޮވައި އަލިފާން ރޯވުމުގެ މައްސަލަތަކަށް ފަހު، އެ ސީރީސްގެ ފޯންތަކުގެ ބައިތައް ބޭނުންކޮށްގެން ސެމްސަންގް އިން ދަނީ އާ ފޯނެއް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

ސެމްސަންގް އިން ބުނީ "ނޯޓް ފޭން އެޑިޝަން"ގެ ސަބަބުން ގެލެކްސީ ނޯޓް 7 ނާކާމިޔާބުވުމުން ތިމާވެއްޓަށް ކުރި އަސަރު ކުޑަވެގެންދާނެ ކަމަށެވެ.

އެ ފޯން ކުލައި 7 ވަނަ ދުވަހު ދެކުނު ކޮރެއާ ގައި ރިލީޒް ކުރެވެނީ ނޯޓް 7 ގެ ބެޓަރިއަށްވުރެ ކުޑަ އަދި ރައްކާތެރި ބެޓަރީ އަކާއިއެކު ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

އެޕަލް އިން ވަނީ ނޯޓް 7 ސީރީސްގެ ފޯންތަކަށް ލިބުނު ނާކާމިޔާބީ އާއި ގުޅިގެން އެ ސީރީސްގެ ފޯންތައް އުފެއްދުން ހުއްޓާލާފައެވެ.

އެގޮތުން މައްސަލަ ޖެހިގެން ގާތްގަނޑަކަށް 2.5 މިލިއަން ފޯން ވަނީ ސެމްސަންގް އަށް ލިބިފައެވެ. "ނޯޓް ފޭން އެޑިޝަން" ގައި ސެމްސަންގް އަށް ލިބުނު ނޯޓް 7ގެ ފޯންތަކުގެ އެކިއެކި ބައިތަކާއި، ބޭނުންނުކޮށް ސްޓޮކް ގައި ހުރި ބައިތައްވެސް ބޭނުންކޮށްފައިވެއެވެ.

ތިމާވެއްޓާއި ބެހޭ މާހިރުން ވަނީ އީ-ވޭސްޓް މަދުކުރުމަށްޓަކައި ގެލެކްސީ ނޯޓް 7 ގެ ބައިތައް އަލުން ބޭނުންކުރުމަށް ސެމްސަންގް އަށް ވަރަށް ބޮޑަށް ޕްރެޝަރު ކޮށްފައެވެ.

ލަފާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 400،000 "ނޯޓް ފޭން އެޑިޝަން"ގެ ފޯންތައް ހުކުރު ދުވަހު ބާޒާރަށް ނެރޭނެއެވެ. އެގޮތުން އެ ފޯންގެ އަގު ގެލެކްސީ ނޯޓް 7 ގެ އަގަށްވުރެ 30% ކުޑަވާނެ އެވެ.

ބާޒާރަށް އަލަށް ނެރޭ ފޯންތަކުގައި ހުންނާނީ 3200 އެމްއޭއެޗްގެ ބެޓަރީއެވެ. ނޯޓް 7 ގައި ބޭނުންކޮށްފައި ވަނީ 3500 އެމްއޭއެޗްގެ ބެޓަރީތަކެވެ.

ނޯޓް 7 އަށްފަހު ސެމްސަންގް އިން ނެރުމަށް ހަމަޖެހިފައިވާ ރަސްމީ ފޯން ކަމަށްވާ ސެމްސަންގް ގެލެކްސީ ނޯޓް 8 ބާޒާރަށް ނިކުންނާނީ މިއަހަރުގެ ފަހުކޮޅުގައެވެ.