Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އުދަނގޫތަކާ ތުރާތަކުން މަޖޮލިސް ސަލާމަތް ކުރާނަން: ނިހާން

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އުނދަގޫ ތަކާއި ތުރާތަކުން މިންޖުކުރުމަށް ޕީޕީއެމްގެ ޕްލޭން ދިރާސާކޮށް ބަދަލު ކުރާނެކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ޕްލޭނާއި މެދު ވަރަށް ރަނގަޅަށް ވިސްނައި އެޕްލޭން ފެއިލްކޮށްލުމަށް ޕީޕީއެމްގެ ޕްލޭން ބަދަލުކޮށް މަސައްކަތް ފަށާނެކަމަށެވެ.

ނިހާން ވިދާޅުވީ މަޖްލިސްގެ ރައީސްގެ އިތުބާރު ނެގުމަށް ކުރަމުން އަންނަ މަސައްކަތް ފެއިލްކޮށްލާނެ ކަމަށާއި، އިތުބާރު ނެތްކަމަށް ހުށަހެޅުމަށް ސޮއި ކުރި މެމްބަރުންނާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ނިހާން ވިދާޅުވީ ޕީޕީއެމް މަޖްލިސް މެމްބަރުންގެ ތެރޭގައި ފިތުނަ އުފައްދަނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެކަންކަމަށް ކުރު މުއްދަތެއްގެ ތެރޭގައި ހައްލު ހޯދާނެ ކަމަށެވެ.

މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމަށް 45 މެމްބަރުންގެ ސޮޔާއި އެކު ހުށަހަޅާފައިވާ އިރު މަސީހްގެ އިތުބާރު ނެތްކަމަށް ފާސް ވެއްޖެނަމަށް ސަރުކާރުން ކޮންޓްރޯލް ކުރަމުން އައި މަޖްލިސްގެ މެޖޯރިޓީ ގެއްލުނީއެވެ. އެއާއި އެކު ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެއެވެ.

އިދިކޮޅު ފަރާތްތަކުގެ ޕްލޭން އާއި ބެހޭ ގޮތުން ނިހާން ވާހަކަފުޅު ދެއްކެވި އިރު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލްވެސް ވަނީ އިދިކޮޅު ފަރާތްތަކުގެ ޕްލޭން ނާކާމިޔާބް ކޮށްލެއްވުމަށް ސޯޝަލް މީޑިއާގައި މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅި ޕެޓިޝަނުގައި ޕީޕީއެމްގެ 10 މެމްބަރަކުވަނީ ސޮއި ކުރައްވާފައެވެ. ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންނަށް އިދިކޮޅު ފަރާތްތަކުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.