Last Updated: June 22, 20:19
Tuesday, June 23, 2026
ޚަބަރު

ކުރީގެ ބްރިގޭޑިއާ އިބްރާހިމްދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމްދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ބްރިގޭޑިއާ ދީދީގެ މައްސަލަ ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

އިބްރާހިމްދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމްއެންޑީއެފްއިން އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގަައި ހުންނެވި އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ސަބަބުންނެވެ.

އިބްރާހިމްދީ އޭރު ހުންނެވީ އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރުގެ މަގާމު ފުރުއްވަމުންނެވެ.

މި މައްސަލާގައި 5 މީހަކަށް ދައުވާ އުފުލާފައިވާއިރު ކުރީގެ ރައީސް، މުހައްމަދު ނަޝީދަށާއި އޭރުގެ ޑިފެންސް މިނިސްޓަރު ތަލްހަތް އިބްރާހިމް ކަލޭފާނުގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެ އެވެ.

ނަމަވެސް އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް މޫސާ އަލީ ޖަލީލް އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުންވަނީ ނިންމައި ހުކުމްކޮށްފައެވެ.

އިބްރާޙިމްދީދީގެ މައްޗަށް ކުރިންވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު ދައުލަތުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފައެވެ. ކުއްލިގޮތަކަށް އޭނާގެ މައްޗަށް އަނެއްކާވެސް ދައުވާ އުފުލާފައިވަނީ ކީއްވެގެން ކަމެއް ހާމަކޮށްފައެއްނުވެއެވެ.