ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ އަދި މިހާރު ވެސް ފިލްމްތަކުން ފެންނަމުން އަންނަ މަޝްހޫރު އެކްޓަރު ރިިޝީ ކަޕޫރުގެ ބައޮގްރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާޒާރަށް ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިކަން ކަޕޫރު ހާންދާނުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ރިޝީއަކީ ހިންދީ ސިނަމާ މިހާތަނަށް ދުށް އެންމެ ކާމިޔާބް އެކްޓަރު/ޑިރެކްޓަރު/ޕްރޮޑިއުސަރު ރާޖް ކަޕޫރުގެ ދަރިއެކެވެ. އަދި ބޮލީވުޑްގެ އެންމެ ނުފޫޒް ގަދަ ޒުވާން ބަތަލުންގެ ތެރޭގައި ހިމެނޭ ރަންބީރު ކަޕޫރުގެ ބައްޕަ ވެސް މެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރިޝީގެ ބައޮގްރަފީގެ އޭނާގެ ޒާތީ ދިރިއުުމާއި ފިލްމީ ކެރިއަރާ ބެހޭ ވަރަށް ޝައުގުވެރިވަނިވި ވާހަކަތަކެއް ހިއްްސާ ކުރެވޭނެ އެވެ. އަދި އޭގެ މަސައްކަތް މިހާރު ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެހެން ނަމަވެސް ބައޮގްރަފީ އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ.
އެހެން ނަމަވެސް ބައޮގަރީ ނެރެން ނިންމާފައި ވަނީ ރިޝީގެ 61 ވަނަ އުފަން ދުވަހާ ދިމާކޮށް މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭނާގެ އުފަން ދުވަހަކީ ސެޕްޓެމްބަރު 4 އެވެ.
ހިންދީ ފިލްމް އިންޑަސްޓްރީ އަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ރިޝީގެ ބައޮގްރަފީ ނެރުމަށް ހަމަޖެހިފައި ވަނީ އޭނާ ބޮލީވުޑަށް ނިކުތްތާ 40 ވަނަ އަހަރާ ވެސް ދިމާކޮށެވެ. އޭނާ ބޮލީވުޑަށް ލީޑް ހީރޯއެއްްގެ ގޮތުގައި ތައާރަފްވެގެން ދިޔައީ 1973 ވަނަ އަހަރު އަހަރު ބައްޕަ ރާޖް ކަޕޫރު ޑައިރެކްޓް ކުރި "ބޮބީ" އިންނެވެ.
އޭގެ ކުރިން އޭނާ ވަނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ބައްޕަގެ 1970 ވަނަ އަހަރުގެ ހިޓް ފިލްމް "މޭރާ ނާމް ޖޯކަރު" ކުޅެގެން ގައުމީ އިނާމް ވެސް ހާސިލްކޮށްފަ އެެވެ. އެ ފިމްގައި ރިޝީ ފެނިގެން ގޮސްފައި ވަނީ ރާޖް ކަޕޫރުގެ ކުޑަ އިރުގެ ކެރެކްޓާ އިންނެވެ.
ބޮލޮކްބަސްޓާއަކަށް ވެގެން ދިޔަ "ބޮބީ" އަށް ފަހު ރިޝީ ވަނީ ކާމިޔާބް ވަރަށް ގިނަ ފިލްމްތަކެއް ކުޅެފަ އެވެ. އޭނާ މިހާތަނަށް ވަނީ 140 އަށް ވުރެ ގިނަ ފިލްމް ކުޅެފަ އެވެ. އަދި ކުރިއަށް ރިލީޒް ވާން ވެސް ގިނަ ފިލްމްތަކެއް އެބަ ހުއްޓެވެ.
ރިޝީގެ ކެރިއަރުގައި އޭނާ ވަނީ އަންހެނުން ނީޓޫ ސިންގާއި ޑިމްޕަލް ކަޕާޑިއާ، ޕަދްމިނީ، ޕޫނަމް ދިލަން، މީނާކްޝީ، މަނީޝާ ކޮއިރަލާ، ތާބޫ، ސްރީ ދޭވީ، މަދޫރީ، ރޭކާ، ރަވީނާ ޓަންޑަން، ދިވްޔާ ބާރްތީ ފަދަ ތަރިންނާ އެކު ފިލްމް ކުޅެ، ބޮލީވުޑްގެ އެންމެ ފުންނާބު އުސް ގިނަ ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްފަ އެވެ.
މީގެ އިތުރުން އައިޝްވާރިއާ ރާއީ އާއި އަކްޝަޔޭ ކަންނާ ހިމަނައިގެން 1999 ވަނަ އަހަރު ރިޝީ ވަނީ "އާ އަބް ލޯޓް ޗަލޭ" ގެ ނަމުގައި ފިލްމެއް ވެސް ޑައިރެކްްްޓްކޮށްފަ އެވެ.