މަޤާމުގެ ނުފޫޒު ބޭނުންކުރާ ކަމުގެ ކުށް ސާބިތުވެ، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ޖަލަށް ވަޑައިގަންނަން ޖެހިވަޑައިގެންފާނެ ކަމަށް ޤާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވުމުން އެވާހަކަތަކަށް ޑރ. ޝައިނީ ރައްދު ދެއްވައިފިއެވެ.
ސުއޫދު އަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ޝައިނީ ވިދާޅުވެފައި ވަނީ "ބިރެއް ނުގަންނާނެ ކަމަށާއި، ހުރީ ޤައުމީ ލޭ" ކަމަށެވެ.
@hsuood midhaagothahgos Iradhakurevviya 2018 RY ah kaamiyaabu koffa huttalanee. Bireiy nugannane, hury gaumy ley, mi hury gaumy hidhmathga.
— Mohamed Shainee (@mshainee) July 4, 2017
ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "މަޤާމުގެ ނުފޫޒު ބޭނުން ކުރާކަމުގެ ދައުވާ ޝައިނީގެ މައްޗަށް އުފުލިދާނެ ކަމަށާޢި ދައުވާ ސާބިތުވެއްޖެ ނަމަ އަދަބަކީ 11 އަަހަރާއި 8 މަސް" ކަމަށެވެ.
ޝައިނީގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާ އުފުލިދާނެކަމަށް ގާނޫނީ ވަކީލު ސުއޫދު ވިދާޅުވެފައިވާއިރު، ޑރ. ޝައިނީ ކޯޓްތަކުގެ ފަނޑިޔާރުންނާއި، ޕީޖީއަށް ގުޅުއްވާ އިދިކޮޅު މެންބަރުންގެ މައްޗަށް ދައުވާ އުފުލުމަށް ބާރު އަޅުއްވާ ކަމަށް ބައެއް ވަކީލުންނާއި، ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެހެން ނަމަވެސް އެވާހަކަތައް ޑރ. ޝައިނީ ވަނީ ދޮގުކުރައްވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދިފާޢުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ޑރ.ޝައިނީ ސުއޫދު އަށް ރައްދު ދެއްވަމުން ވިދާޅުވެފައި ވަނީ، "ބިރެއް ނުގަންނާނެ، ހުރީ ޤައުމީ ލޭ، މިހުރީ ޤައުމީ ޚިދުމަތުގައި" ކަމަށެވެ.
ޑރ.ޝައިނީގެ ވާހަތަކަށް ރައްދު ދެއްވައި ސުއޫދު ވަނީ ކުރީގެ ނައިބު ރައީސް އަދީބުގެ ފަރާތްޕުޅުން ލިބިލެއްވި ފައިސާ އިން ޤައުމީ ލޭ އުފެދޭތޯ ސުވާލު އުފައްދަވާފައެވެ. އެހެން ނަމަވެސް އެ ސުވާލަށް ޑރ.ޝައިނީ ޖަވާބެއް ނުދެއްވައެވެ.