ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު މަގާމުގައި ހުންނެވިއިރު ބެއްސެވި ކަމަށް ބުނާ ފައިސާއަކީ ރައީސް ޔާމީންގެ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފް ﷲ ގަންދީ ހުވާކުރައްވައިފިއެވެ.
އަރީފް ވިދާޅުވެފައިވަނީ ރައީސް ޔާމީން އެހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. އަދި އެހެން ވިދާޅުވެފައިވަނީ އެތައް މެމްބަރެއްގެ ހާޒިރުގައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
""މާތް ﷲ ގަންދީ ހުވާކޮށްފައި މިބުނަނީ. އަޅުގަނޑު އިންތަނެއްގައި ރައީސް ޔާމީން ވިދާޅުވި އަދީބު ބައްސަވަނީ ރައީސް ޔާމީންގެ ފައިސާއޭ"
މާތް ﷲ ގަންދީ މެމްބަރު އަރީފް ހުވާކުރައްވާފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް މުއާޒް އަލީ ވަނީ ރައީސް ޔާމީން ރިޝްވަތު ނުބަހާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.
ނަމަވެސް ރިޔާސީ އިންތިޚާބުގެ ކުރިން އެމަނިކުފާނު ކުރި ކެމްޕޭނުގައި ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ކަންތައް ކޮށްދީ ފުރިހަމަ ކޮށްދިނުމަށް މެމްބަރުންގެ އަރިހުގައި އާދޭސް ދަންނަވާފައި އެބަހުރި ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.