Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ފުލުހުންނަކީ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ: ޖަމީލް

ފުލުހުންނަކީ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެކަމަށް ރާއްޖޭގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ހެކި ފުލުހުންނަށް ލިބިފައިވާކަމަށް މިއަދު ފުލުހުން ބުނެފައިވާ އިރު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރުންނާއި އިދިކޮޅު މެމްބަރުން އަމާޒަކަށް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ މައްސަލަތައް ތަހުގީގުކުރަން ފުލުހުން ތިބީ ސާބިތުވެ އެވެ. އަދި އެކަމުން އެއްވެސް ފަރާތެއް އިސްތިސްނާ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ ފާރިސް މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ. ނަމަވެސް ފާރިޝްވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ޖަމީލް މިގޮތަށް ވިދާޅުވި އިރު މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް އުފުލިފައިވާ ޓެރަރިޒަމްގެ ދައުވާ ކުރުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އަދި ދިއްގަރު ދާއިރާގެ މެމްބަރ އަހްމަދު ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހްސު އޮޅުވާލިކަމުގެ ދައުވާގެ ލިޔެކިއުން ވަނީ ހަވާލުކޮށްފައެވެ.