ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ މެމްބަރުންނަށް މިވަގުތު ރައްކާތެރިކަން ބޮޑީ ޕާޓީން ވަކިވެގަތުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އަލީ ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރާ މެމްބަރުން ރައްޔިތުންގެ ހައްގުގައި ނިންމާ ނިންމުމަކުން ގޮނޑި ގެއްލޭފަދަ ހުކުމެއް އަތުވެދާނެ ކަމަށް ވިސްނައި، ޕީޕީއެމްގެ ފެތެމުންދާ އޮޑި ދޫކޮށްދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އިސްލާހަށް ތާއީދުކުރައްވާ ހުރިހާ މެމްބަރުން ޕީޕީއެމްގެ ދަރުބާރު ފެކްޝަނުން ވަކިވުމަށް ގޮވާލަން. ކޯޓުން އަމުރެއް ނެރުމުގެ ކުރިން އަވަހަށް ރައްކާތެރިވޭ"
އިއްޔެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެހުމަށް 45 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފައިވާއިރު ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ 10 މެމްބަރަކު ވަނީ ލިސްޓުގައި ސޮއިކޮށްފައެވެ.
އޭގެތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވަނީ މިއަދުގެ ވަގުތެއްގައި ޕާޓީއިން ވަކިވެގެންފައެވެ. ރައީސް ޔާމީން ވަނީ މީގެ ކުރިންވެސް މަސީހާއި ދެކޮޅަށް ވޯޓު ދީފިނަމަ އުނދަގޫ ވާނެ ކަމަށް މެމްބަރުން ކައިރީގައި ވިދާޅުވެފައެވެ. 45 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައަޅުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްއަށް ވަނީ ގެއްލިފައެވެ.
އަދި ކުއްލި ގޮތަކަށް މަޖިލީހުގެ ރައީސް ވަނީ މިއަދުގެ ޖަލްސާ ކެންސަލް ކުރައްވައި ދެން ޖަލްސާއެއް އޮންނާނެ ދުވަހެއް ފަހުން ކަނޑައެޅުމަށް ނިންމާފައެވެ.