ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ރޭ ޖުމްހުރީ ޕާޓީ މައި ޖަގަހަ "ކުނޫޒް" ކައިރިން ހައްޔަރު ކުރި އެޕާޓީގެ އެކްޓިވިސްޓް އަހުމަދު ޝާފިއުގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ޝާފިއު ރޭ ފުލުހުން ހައްޔަރު ކުރީ ކޯޓު އަމުރަކާއިއެކުއެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށްފަހުއެވެ.
ފުލުހުންގެ ތަރުޖަމާން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ޝާފިއު ހައްޔަރުކޮށްފައިވަނީ މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ޝަކުވާ ފުލުހުންނަށް ލިބުމާއި ގުޅިގެން ކަމަށެވެ.
ޝާފިއު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ އިރު ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ހެއްކާއި ގަރީނާ ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.