ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ސޮއި ކުރި ޕީޕީއެމް މެމްބަރުންގެ ސޮއި އަނބުރާ ނެގުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ފަސް މިލިއަން ޑޮލަރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވެފައިވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު ނަންގެނެފައިވާ "ގޭމް ޕްލޭން" ވަރަށް ސާފު ކަމަށާއި އެއީ ފަސް މިލިއަން ޑޮލަރު ކަމަށެވެ.
"ނިހާން އެބަ ވިދާޅުވޭ ތިމަންނަމެން ވެސް ގޭމް ޕްލޭން ބަދަލު ކުރިއްޔޭ. ގޭމް ޕްލޭނަކީ ފަސް މިލިއަން ޑޮލަރު ހޯދައިގެން، ފަސް މީހަކާ ހަވާލުކޮށްގެން ފަސް މީހަކު ހޯދަން،" އޭނާ ވިދާޅުވި އެވެ. "އަދި އެންމެ ފުރަތަމަ އޮތް ޓާސްކަކީ އެ މީހުންގެ މަސައްކަތަކީ އަޅުގަނޑުމެންނަށް މި ސޮއި ކުރި މީހުން [މެމްބަރުން] ކައިރީގައި ބުނަން އެ ސޮއި އަނބުރާ ގެންދިއުމަށް."
ރިޔާޒް ވިދާޅުވެފައި ވަނީ ނިހާން އެ ވިދާޅުވާ ގޭމް ޕްލޭނަކީ ޕީޕީއެމްގެ ތެރެއިން މަސީހާ ދެކޮޅަށް ސޮއިކުރި މެމްބަރުންގެ ސޮއި އަނބުރާ ގެނައުމަށް 5 މިލިއަން ޑޮލަރު ނެރުން ކަމަށެވެ.
ނަމަވެސް ނިހާންގެ "ގޭމް ޕްލޭން" ކާމިޔާބެއް ނުވާނެ ކަމަށް ރިޔާޒް ވަނީ ވަރަށް ޔަގީން ކަމާއެކު ވިދާޅުވެފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މެމްބަރުން ސޮއި ކުރައްވާފައިވަނީ މިސަރުކާރުގެ ސިޔާސަތުތަކާއި ވެރިކަން ކުރަމުންދާ ގޮތާމެދު މެމްބަރުން ހިތްހަމަ ނުޖެހިގެން ކަމަށާއި އެއީ ރިޝްވަތެއް ނުވަތަ ބިރުދައްކައިގެން މެމްބަރުން ލައްވާ ހޯދި ސޮޔެއް ނޫން ކަމަށް ރިޔާޒް ވިދާޅުވެފައިވެއެވެ.
ސޮއިކުރެއްވި މެމްބަރުންނަށް ސީދާ ރައީސް ޔާމީން ފޯނުން ގުޅުއްވަން އެކި ފަހަރު މަތިން މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެއިން އެއްވެސް މެމްބަރަކު ރައީސްގެ ފޯނުކޯލުތަކަށް ޖަވާބު ނުދިނުމަކީ އޭގެ ހެއްކެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ޕީޕީއެމްގެ 10 މެމްބަރުން މަސީހާ ދެކޮޅަށް ސޮއިކޮށްފައިވާއިރު އެއް މެމްބަރަކު ވަނީ އޭނާގެ ނަމުގައި ވަގު ސޮޔެއް ކޮށްފައި ވާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުވަނީ އެމެމްބަރު ސޮއި ކުރައްވާ ފޮޓޯވެސް އާންމުކޮށްފައެވެ.
ޕީޕީއެމްގެ މެމްބަރުން ފާޅުގައި ސޮއި ކުރައްވާފައި ވަނީ އަމިއްލަ އިޚްތިޔާރުގައި ކަމަށް ވިދާޅުވަމުން އަންނަ އިރު ރައީސް ޔާމީނަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައެވެ.