ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ފާރިސް މައުމޫން ހިތްހަ ނުޖެހުނީ ނައިބް ރައީސް އަހުމަދު އަދީބްގެ ފަހުން ރާއްޖޭގެ ނައިބް ރައީސްގެ މަގާމު ނުލިބުނު ހިސާބުންކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 ގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ރައީސް މައުމޫން ބޭނުންފުޅުވީ އެ މަނިކުފާންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް ނައިބް ރައީސަކަށް ގެންނެވުމަށް ކަމަށާއި އެކަމާއި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ރައީސް ޔާމީން ގަބޫލްފުޅު ނުވިކަމަށެވެ.
އަދި އެހާ ހިސާބުން މައުމޫން މައުމޫން ހިތްޕުޅު ހަމަނުޖެހި ވަޑައިގެން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތީކަމަށް ޝައިނީ ވިދާޅުވިއެވެ.
ރައީސް މައުމޫންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝައިނީ ވިދާޅުވީ ފާރިސް ނައިބް ރައީސަކަށް ގެންނަވަން ޔާމީން ބޭނުންފުޅު ނުވީ އެއީ އެމަނިކުފާނާއި ތިމާގެ ބޭފުޅަކަށްވެފައި، އެކަން ބޭރުގެ ފަރާތްތަކުންވެސް ގަބޫލް ނުކުރާނެތީކަމަށެވެ.
ޝައިނީ ވިދާޅުވީ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްވެސް ނައިބް ރައީސަކަށް ވަޑައިގަތުމަށް ރައީސް ޔާމީނާއި މަޝްވަރާ ކުރެއްވި ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހް އަނެއްކާވެސް ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ކުރީގެ ރައީސް މައުމޫން ވަނީ ހޯމަ ދުވަހުގެ ރޭ އިދިކޮޅު ކޯލީޝަންގެ ވެރިން ހިމެނިވަޑައިގަންނަވާ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވާފައެވެ. މައުމޫން ވިދާޅުވީ މިވަގުތު ދިވެހިރާއްޖެއަށް އެންމެ ފައިދާ ކުރާނީ އެމަނިކުފާނާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) އާއި ގުޅިގެން މަސައްކަތް ކުރެއްވުމުން ކަމަށެވެ.
މައުމޫންގެ މިވާހަކަފުޅުތަކަށް ރައީސް ޔާމީންގެ ވަފާތެރިން ގެންދަވަނީ ވަރުގަދަ ބަހުގެ ހަމަލާ ދެއްވަމުންނެވެ.