Last Updated: May 18, 18:49
Saturday, May 18, 2024
ރިޕޯޓް

ޑިޕްރެޝަން: ކެއުމުގެ ވައްޓަފާޅިން ވެސް ބަދަލު ގެނުވާނެ

ޑިޕްރެޝަނަކީ އެއާމެދު ފަރުވާކުޑަ ނުކުރެވޭ ފަދަ ނުރައްކާތެރި ބައްޔެކެވެ. އިންސާނާގެ ސިކުނޑިއަށް ޖެހޭ މި ބައްޔަކީ ހަމައެކަނި ނަފުސާނީ ބައްޔެއް ނޫނެވެ. ބައެއް ފަހަރަށް މިބަލީގެ އަލާމާތްތައް ބޭރަށް ނުފެނުނު ކަމުގައިވިޔަސް ޑިޕްރެޝަނަކީ މީހާ ހަލާކުކޮށްލާ ފަދަ އެއްޗެކެވެ.

ޑިޕްރެޝަންގެ އެންމެ ނުރައްކާތެރި ވައްތަރަކީ މޭޖާ ނުވަތަ ކްލިނިކަލް ޑިޕްރެޝަން އެވެ. އެއީ އަމިއްލަ އަށް މަރުވުމުގެ ހިޔާލުން ސިކުނޑި ހިސާރުކޮށްލާ ހިސާބެވެ. މިބައްޔަށް ޝިފާ ލިބެން އޮތީ ނަމާދާއި އަޅުކަންތަކާއި ބޭސްތަކުން އެކަންޏެއް ނޫނެވެ. ކެއުމުގެ އާދަތަކަށްވެސް ބަދަލު ގެނެސް ކެއުމުގައި ބޭނުންކުރެވިދާނެ ހާއްސަ ބާވަތްތަކެއް އެބަހުއްޓެވެ.

ގްރީން ޓީ

ގްރީން ޓީއަކީ ޑިޕްރެޝަނާއި ހަނގުރާމަ ކުރުމަށް އޮތް ވަރަށް ރަނގަޅު ހަތިޔާރެކެވެ. ގްރީން ޓީގައި އެކުލެވޭ "ޕޮލިފެނަލްސް" އަކީ މީހާގެ މޫޑު ރަނގަޅުކުރުމަށް ބޭނުންވާ "ޑޮޕަމައިން" އިތުރުކޮށްދޭ އެއްޗެކެވެ. ހަމައެހެންމެ، "ޕޮލިފެނަލްސް" އަކީ އޭގެ ސަބަބުން މީހާގެ ސިކުނޑިއަށް ބޭނުންވާ ހަކަތަވެސް އިތުރުކޮށްދޭ މާއްދާއެކެވެ. ކޮންމެ ދުވަހަކު މަދުވެގެން 4 ތަށި ގްރީން ޓީ ބޯނަމަ ޑިޕްރެޝަނަށް ލުޔެއް ލިބިގެންދާނެއެވެ.

އަލްމަންޑް

އަލްމަންޑްއަކީ އޭގައި ގިނަ އަދަދަކަށް މެގްނީޒިއަމް ހިމެނޭ އެއްޗެކެވެ. މެގްނީޒިއަމަކީ ޑިޕްރެޝަނުން ސަލާމަތްވުމަށް ހަށިގަނޑަށް ވަރަށް މުހިއްމު މާއްދާއެކެވެ. އާދަވެގެން ހެނދުނާއި ރޭގަނޑު 7 އޮށް އަލްމަންޑް ކެއުމަކީ ޑިޕްރެޝަނަށް ދެވޭނެ ވަރަށް ބޮޑު ފަރުވާއެކެވެ.

ފަރުމަސް

ފަރުމަހުގައި އެކުލެވޭ އޮމެގާ ތްރީ ފެޓީއެސިޑަކީ ޑިޕްރެޝަނާއި ދުރުކޮށްދޭ އެއްޗެކެވެ. އޮމެގާ ތްރީ ފެޓީއެސިޑްގެ ސަބަބުން ހަށިގަނޑުގެ ސެލްތަކުގެ ސެލް މެމްބްރޭން މަޑުކޮށްދެއެވެ. މީގެ ސަބަބުން އިންސާނާ އުފާވުމަށް ބޭނުންވާ "ސެރޮޓޯނިން" ފަސޭހައިން ސިކުނޑިއާ ހަމައަށް ވާސިލުވުމަށް އެހީއަކަށް ވެދެއެވެ. ފަރުމަހުގެ ފައިދާ އެންމެ ފުރިހަމައަށް ކުރާނީ ތާޒާ ފަރުމަހުންނެވެ.

އެވޮކާޑޯ

އެވޮކާޑޯއަކީ ވަރަށް ގިނައިން ޕޮޓޭސިއަމް އެކުލެވޭ ބާވަތެކެވެ. ކެއުމުގައި ގިނައިން ޕޮޓޭސިއަމް އެކުލެވޭ ކާނާ ބޭނުންކުރުމުން ޑިޕްރެޝަނާއި ދުރުކޮށްދޭނެއެވެ. މީގެ އިތުރުން އެވޮކާޑޯއާ އެއްވަރަށް ޕިޔަރސްގައިވެސް ޕޮޓޭސިއަމް އެކުލެވެއެވެ.

ޗޮކްލެޓް

ޗޮކްލެޓޭ ބުނުމުން މިދައްކަނީ ކިޓްކެޓް ނުވަތަ ސްނިކަރސްގެ ވާހަކައެއް ނޫނެވެ. ޑިޕްރެޝަނުން ސަލާމަތްވުމަށް ބޭނުންވަނީ ޑާކް ޗޮކްލެޓެވެ. ޑާކް ޗޮކްލެޓުގައި ހިމެނޭ ކޮކޯއަކީ އޭގެ ސަބަބުން "ސެރޮޓޯނިން" އާއި "ޑޮޕަމައިން" ގެ މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ. ހަމައެހެންމެ، ކޮކޯއަކީ މީހާ މާޔޫސްކޮށްލާ ނިއުރޯޓްރާންސްމިޓަރ ކޯޓިސޯލް އާ މުޅިން ދެކޮޅު އެއްޗެކެވެ. ކޮންމެ ދުވަހަކު ޤަވައިދުން ކާނަމަ ވަރަށް ބޮޑު ތަފާތެއް ފެނިގެންދާނެއެވެ.

ދޮންކެޔޮ

ދޮންކޭލަކީ މެގްނިޒިއަމް އަދި ޕޮޓޭސިއަމްވެސް އެކުލެވޭ ބާވަތެކެވެ. ޑިޕްރެޝަނުން ސަލާމަތްވުމަށް ކޮންމެ ދުވަހަކު ދެވައް ދޮންކެޔޮ ކެއުމުން ފުދޭނެއެވެ.

ސްޕިނެޗް

ފަތްޕިލާވެލީގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ފޮލިކް އެސިޑް އެކުލެވެނީ ސްޕިނެޗްގައެވެ. ފޮލިކް އެސިޑްގެ ސަބަބުންވެސް "ސެރޮޓޯނިިން" އާއި "ޑޮޕަމައިން" ގެ މިންވަރު އިތުރުކޮށްދެއެވެ. ހަމައެހެންމެ، ސްޕިނެޗްގައި ގިނަ އަދަދަކަށް މެގްނިޒިއަމް އެކުލެވެއެވެ.