އަށާރަ ވަނަ ރައްޔިތުންގެ މަޖްލީސްގެ ރައީސްކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު 2014 ވަނަ އަހަރު މޭއި 28 ވަނަ ދުވަހު އިންތިހާބް ކުރެވިފައިވަނީ މަޖްލިސްގައި އެ ދުވަހުގެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެެވެ.
މަސީހު މަޖްލިސްގެ ރައީސް ކަމާއި ހަވާލުވެވަޑައިގެން މިވީ މުއްދަތުގެ ތެރޭގައި އެމަނިކުފާންގެ މައްޗަށް މިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ފަހަރެއްގެ މަތިން ހުށަހެޅިފައެވެ.
މީގެ ކުރިން 2 ފަހަރަކު ހުށަހެޅި ހުށަހެޅުން މަޖްލިސްއިން ނާކާމިޔާބް ކުރައްވާފައިވާ އިރު މިހަފްތާގެ އާދީއްތަ ދުވަހު އަނެއްކާވެސް މިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލިސްއަށް ވައްދާފައެވެ.
ފާއިތުވި ދެ ފަހަރާއި ހިލާފަށް މިފަހަރު މަސީހު ބޭރު ކުރުމަށް މަޖްލިސްއަށް ހުށަހެޅި ފޯމުގައި 45 މެމްބަރަކު މިވަނީ ސޮއި ކުރައްވާފައެވެ. ނަމަވެސް އިސްދޫ ދާއިރާގެ މެމްބަރ އަހްމަދު ރަޝީދުވަނީ އެބޭފުޅާގެ ސޮޔަކީ "ވަގު" ސޮޔެއް ކަމަށް ވިދާޅުވެ، ސޮއި ނުކުރައްވާކަމަށް ވިދާޅުވެފައެވެ. އެހެންވެ އަހުމަދު ރަޝީދުގެ ސޮއި އުނި ކުރި ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމަށް 44 މެމްބަރަކު މިވަނީ ސޮއި ހުށަހަޅާފައެވެ.
މަސީހު އާއި ދެކޮޅަށް މިހާ ގިނަ އަދަދަކަށް މެމްބަރުން ސޮއި ކުރައްވާފައިވާ އިރު އެމަނިކުފާން ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްގެ 10 މެމްބަރަކުވެސް މިވަނީ މަސީހު އާއި ދެކޮޅުކަން ދައްކާފައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލިސްގައި އަދި އެޖެންޑާ ނުކުރެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި ޖަލްސާއަށްފަހު މުއްދަތެއް ނެތި މަޖްލިސްގެ ޖަލްސާތައް މިވަނީ މެދުކަނޑާލާފައެވެ. މަޖްލިސް މެމްބަރުންނަށް ސަބަބެއް ނޭގެއެވެ.
އިދިކޮޅު މެމްބަރުންނާއި މަސީހު އާއި ދެކޮޅު މެމްބަރުން ބުނީ ރައީސްކަމުން މަސީހު ބޭރުކުރެވިޔަ ނުދޭން ޖަލްސާ މެދުކަނޑާލީކަމަށެވެ. މަސީހު އާއި ދެކޮޅު މެމްބަރުން ބުނަމުން ދަނީ އެމަނިކުފާން މަޖްލިސްގެ ރައީސްކަމުން ދުރުކުރަން ޖެހެނީ މަޖްލިސްގެ ގަވާއިދާ ގާނޫނުތަކާއި ދެކޮޅަށް މަޖްލިސް ކުރިއަށް ގެންދަވާތީކަމަށެވެ. އެކަން ފާއިތުވި ދުވަސްތަކުގައި ދިވެހި ރައްޔިތުންނަށް ވަނީ ފެނިފައެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މަސީހު މިހާރުވެސް މަގާމުގައި ހުރުމުގެ ހައިސިއްޔަތެއް ނެތްކަމަށެވެ. އަދި ރީތި ގޮތަކީ އަމިއްލައަށް އިސްތިއުފާ ދެއްވުން ކަމަށެވެ.
އިދިކޮޅު ކޯލީޝަނުން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ވިދާޅުވީ މަސީހު މަޖްލިސްގެ ރައީސަކަށް އިންތިހާބް ކުރުމަށް ވޯޓު ދެއްވި މެމްބަރުންނަށް ވުރެ އެމަނިކުފާންގެ އިތުބާރު ނެތްކަމަށް ކަނޑައެޅި މެމްބަރުން މާގިނަ ކަމަށާއި އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
މަސީހު އާއި ދެކޮޅަށް މިހާ ގިނަ އަދަދެއްގެ މެމްބަރުން ސޮއި ކުރެއްވި ނަމަވެސް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވީ މަސީހު މަޖްލިސްގެ ރައީސްކަމުން ބޭރުކޮށް ނުލެވޭނެކަމަށާއި އެކަން ފެއިލް ކުރައްވާނެކަމަށެވެ. އަދި ޕްލޭން ބަދަލުކޮށް އިދިކޮޅު ފަރާތްތަކުގެ ފުރައްސާރައިން މަޖްލިސް ސަލާމަތް ކުރައްވާނެކަމަށެވެ.