އެމްޑީޕީން މިއަދު ފެށި “ދޭތިން ފަހެތި” ކެމްޕޭނުގެ އައްޑޫ ކޯޑިނޭޓަރެއްގެ ގޮތުގައި ޑރ. މުސްތަފާ ލުފުތީ އާ އެކު ފަށައިފި އެވެ.
މިއަދު ހެނދުނު ފެށުނު ދަތުރުތަކުގައި އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ތަފާތު އެކި ސަރަހައްދުތަކުގައި، ކެމްޕެއިންގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީގެ ޓީމްތައް ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލައް، ގދ. ތިނަދޫ، ލ. ގަން، ފޮނަދޫ، ހިތަދޫ މާވަށް އަދި އިސްދޫގެ އިތުރުން އައްޑޫ ސިޓީއަށެވެ.
މި ރަށްތަކުގެ ތެރެއިން އައްޑޫ ސިޓީ ފިޔަވައި އެހެން ހުރިހާ ރަށެއްގައި “ޑޯ ޓު ޑޯ” ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ހުރިހާ ރަށެއްގައި ވެސް ޢާއްމު ޖަލްސާތައް ބޭއްވުމާއި، މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި، ދާއިރާ ރައީސުންނާއި ބައްދަލުކުރުމާއި، ދާއިރާގެ ހިންގާ ކޮމެޓީތަކާއި ބައްދަލުކުރުމާއި ޢާންމު ރައްޔިތުންނާއި ބައްދަލު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކެމްޕޭން ދަތުރުތަކުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުން ވަނީ ލ އަތޮޅާއި، ހދ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފަ އެވެ.
މި ދަތުރުތަކުގައި ބާއްވާ ޢާއްމު ޖަލްސާތަކުގެ ތެރެއިން މިރޭ ލ. ގަން އަދި ފޮނަދޫ ދާއިރާ އެކުގައި ޖަލްސާތައް ކުރިއަށްދާ އިރު، މާދަމާ ރޭ އެ އަތޮޅުގެ ހިތަދޫ އަދި މާވަށު ދާއިރާ އެކުގައި ޖަލްސާ ކުރިއަށް ދާނެ އެވެ. އަދި ހޮނުހިރު ދުވަހު ލ. އިސްދޫގައި ވެސް ޢާއްމު ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ހުކުރު ދުވަހުގެ ރޭ ޖަލްސާތައް ކުރިއަށްދާ އެހެން ރަށްތަކަކީ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލަކު، ހއ. ދިއްދޫ، އައްޑޫ ސިޓީން ހިތަދޫ އަދި ގދ. ތިނަދޫ އެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ޖަލްސާތައް ކުރިއަށް ދާނީ، އައްޑޫން ހުޅުމީދޫ ގަ އެވެ.
މި ދަތުރުތަކުގައި އެމްޑީޕީން ވަނީ ކޮންމެ ރަށަކަށް ވެސް ކޯޑިނޭޓަރެއް ކަނޑައަޅާފަ އެވެ.
އެގޮތުން ހއ. ދިއްދޫ ކޯޑިނޭޓަރެ ގޮތުގައި ވަޑައިގަންނަވާނީ، އައިމިނަތު ޝައުނާ އެވެ. ހދ. ކުޅުދުއްފުށްޓައް ޝިފާ މުޙައްމަދު ކޯޑިނޭޓަރެއްގެ ގޮތުގައި ވަޑައިގެންނަވާ އިރު، ގދ. ތިނަދޫ ކޯޑިނޭޓަރަކަށް ހަމަޖައްސަވާފައި ވަނީ، އަލީ ފާއިޒްއެވެ.
އައްޑޫ ސިޓީގެ ކޯޑިނޭޓަރެއްގެ ގޮތުގައި ޑރ. މުސްތަފާ ލުތުފީ ވަޑައިގަންނަވާ އިރު، ފޯވައްމުލަކު ކޯޑިނޭޓަރެއްގެ ގޮތުގައި ވަޑައިގެންނެވީ އަޙްމަދު ޝިފާޒް އަދި ލ އަތޮޅު ކޯޑިނަޓަރެއްގެ ގޮތުގައި ވަޑައިގެންނެވީ ހާމިދް އަބްދުލް ޣަފޫރް އެވެ.